26 Dec 2011, 17:53
ޓޮޓެންހަމް ހޮޓްސްޕާގެ ހޮލެންޑް މިޑްފީލްޑަރު ރަފެއަލް ވެންޑަ ވާޓް އަށް ލިބުނު އަނިޔާ މިހާރު އެހާ ސީރިއަސް ނޫން ކަމަށާއި އަވަސް ފުރުސަތެއްގައި އޭނާ އަށް ދަނޑަށް ނުކުމެވޭނެ ކަމަށް އުންމީދު ކުރާކަމުގައި އެކުލަބުގެ ކޯޗު ހެރީ ރެޑްނެޕް ބުނެފި އެވެ.
އުމުރުން 28 އަހަރުގެ ވެންޑަ ވާޓް އަށް އަނިޔާވީ މިދިޔަ ބުރާސްފަތި ދުވަހު ޗެލްސީ އާއި ދެކޮޅަށް ކުޅެ، 1-1 ލަނޑުން އެއްވަރުވި މެޗުގައެވެ. ވެންޑަ ވާޓްގެ އަނިޔާ ސީރިއަސް ކަމަށް އެދުވަހު ބުނިނަމަވެސް، މިހާރު އެހާ ސީރިއަސް ނޫންކަމަށް ބުނެއެވެ.
"މިހާރު ވެންޑަ ވާޓް ރަނގަޅު. އޭނާ ހުރީ ފިޓްކޮށް ކަމަށް ފެނޭ. ކުރިން އަހަރެމެން ހީކުރީ ފައިގެ ފަލަމަސްގަނޑަށް ކަމަށް އަނިޔާވީ. އެހެން ނަމަވެސް ސްކޭން ހެދުމުން އެ އަނިޔާއެއް ނުދެއްކި. އެއީ އެރި ތަދެއްކަމަށް ބެލެވެނީ." ރެޑްނެޕް ބުންޏެވެ.
ޓޮޓެންހަމް އާއި އެކު ފަރިތަކުރުންތަކުގައި ވެންޑަ ވާޓް އިއްޔެ ބައިވެރިވިއެވެ. ވަރަށް އަވަހަށް ދަނޑަށް ނުކުމެވޭނެ ކަމަށް އުންމީދުކުރެވޭ ކަމުގައި ވެންޑަ ވާޓް ބުނެފައި ވެއެވެ. "މިހާރު އަހަރެން ރަނގަޅު. ވަރަށް އަވަހަށް ދަނޑަށް ނުކުމެވޭނެ ކަމަށް އުންމީދު ކުރަން." ވެންޑަ ވާޓް ބުންޏެވެ.