22 May 2020, 11:12
ނިއުޒީލެންޑްގައި ހަފްތާއަކު ހަތަރު ދުވަހު މަސައްކަތްކުރަން ޖެހޭ ގޮތަށް ހެދުމަށް އެގައުމުގެ ބޮޑުވަޒީރު ޖަސިންޑާާ އާޑަން ހުށަހަޅުއްވައިފި އެވެ.
ފޭސްބުކްގެ ލައިވް ބްރޯޑްކާސްޓެއްގައި އެކަމަނާ ވިދާޅުވީ ނިއުޒީލެންޑްގެ ޓޫރިސްޓް ހަބް ރޮޓޮރުއާގައި ބޭއްވި ބައްދަލުވުމަށް ފަހު، ހަފްތާއަކު ހަތަރު ދުވަހު މަސައްކަތް ކުރަން ޖެހޭ ގޮތަށް ހެދުމަށް ވަރަށް ގިނަ ބަޔަކު އެދެމުންދާ ކަމަށެެވެ.
އެކަމަނާ އިތުރަށް ވިދާޅުވީ ވަޒީފާ އަދާކުރާ ދުވަސްތައް މަދުކުރުމަކީ ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާ ކުރާ ފަރާތުން ނިންމަން ޖެހޭ ކަމެއް ކަމަށެެވެ. އެހެން ނަމަވެސް މިދުވަސްވަރު ގޭގައި ތިބެގެން މަސައްކަތް ކުރުމުން އެތައް ފިލާވަޅެއް ދަސްވެގެން ދާނެކަމަށް ވިދާޅުވި އެވެ.
މިހާރުވެސް ފްރާންސާއި ނެދަލޭންޑްސްއިން ވަނީ މަސައްކަތް ކުރަން ޖެހޭ ވަގުތު ކުޑަކޮށްދީފަ އެެވެ. އަދި ނިއުޒީލެންޑްގެ ޓްރަސްޓް ކުންފުންޏަކުން 2018 އިން ފެށިގެން ދަނީ ހަފްތާއަކު ހަތަރު ދުވަހު މަސައްކަތް ކުރަމުންނެވެ. އެ ކުންފުނިން ބުނީ އެ ގޮތަށް މަސައްކަތްކުރުމުން މުވައްޒަފުންގެ އުފެއްދުންތެރިކަން ދަށްނުވާ ކަމަށާއި އަދި "ސްޓްރެސް"ގެ މައްސަލަތައް މަދުވާ ކަމަށެެވެ.
ނިއުޒީލެންޑްގައި ފުރަބަންދަށް ވަރަށް ބޮޑަށް ލުޔެއް ދޭން ފަށާފައިވާއިރު މަސައްކަތްކުރާ ގިނަ ތަންތަން ވަނީ ހުޅުވާލައިފަ އެވެ.
އަދި ގައިދުރުވުމުގެ އުސޫލުތަކާ އެއްގޮތަށް ރެސްޓޯރެންޓްތަކާއި ބާތަކާއި އަދި ސްކޫލްތައް ހުޅުވާލައިފައިވާއިރު ނިއުޒީލެންޑްގެ މީހުން އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ދަތުރުކުރުމުގެ ހުއްދަ ވެސް ވަނީ ދީފއެވެ.
ނިއުޒީލެންޑްގައި މިހާތަނަށް 1503 މީހަކަށް ކޮރޯނާ ޖެހުނުއިރު ބަލީގައި 21 މީހުން ވަނީ މަރުވެފަ އެވެ. އަދި ފާއިތުިވި ދުވަސްތަކުގައި ބަލި ޖެހޭ މީހުން ވަރަށް ބޮޑަށް ވަނީ މަދުވެފައެެވެ. އަދި ބުދަ ދުވަހު ވެސް ފެނިފައިވަނީ ކޮވިޑްގެ ދެ ކޭސްއެވެ.
ނިއުޒީލެންޑުން ކޮވިޑްއާ ދެކޮޅަށް ކުރި ހަނގުރާމަ ކާމިޔާބުވެ ބޮޑުވަޒީރުގެ މަގުބޫލްކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ދާދި ފަހުން ކުރި ސާވޭއެއްގައި 60 ޕަސެންޓް މީހުން ބުނީ ޖަސިންޑާގެ ޕާޓީއަށް ސަޕޯޓް ކުރާ ކަމަށެެވެ.
އޭބީސީ ނިއުސް