22 May 2020, 01:37
ހދ. ކުޅުދުއްފުށީގައި ކޮވިޑް-19ގެ ހާލަތާ ގުޅިގެން އިއުލާންކޮށްފައިވާ ފުރަބަންދު މިރޭ އުވާލައިފި އެވެ.
ކުޅުދުއްފުށީ ކައުންސިލުން ވަނީ މީގެ ކުރީން ރަށުގެ ފުރަބަންދު މި މަހުގެ 23 އަށް ކުރިއަށްދާނެ ކަމަށް ނިންމާފައެވެ.
ކައުންސިލުގެ ރައީސް އަބްދުއްލަތީފް ހަސަން މިރޭ ސަން އަށް ވިދާޅުވީ އިއުލާނުކޮށްފައިވާ ފުރަބަންދު މިހާރު ނަގާފައިވާ ކަމަށެވެ.
އެއާއެކު އަސާސީ ހިދުމަތްތަކަށް ބޭރަށް ދިޔުމަށް ހުއްދަ ނަގަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އާންމުކޮށް ބޭރުގައި އުޅުމާއި ހޮޅުއަށިތައް ފަދަ ތަންތަނަށް ދިޔުމަށް އަދިވެސް މަނާ ވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ފުރަބަންދު އަދި މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްތަކުގައި މާދަމާ ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރަން ފެށޭނެ ކަމަށެވެ.
އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަބްދުއްލަތީފް ވިދާޅުވީ ކުޅުދުއްފުށީގައިވެސް މާދަމާ ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރަން ފަށާނެ ކަމަށެވެ.
ކުޅުދުއްފުށީގައި ފުރަބަންދު އިއުލާނުކޮށްފައިވަނީ މިދިޔަ މަހުގެ 21 ގައެވެ. ނަމަވެސް މިމަހުގެ ކުރީކޮޅުން ފެށިގެން ފުރަބަންދުގެ ލުއިތަކެއް ކައުންސިލުން ވަނީ ދީފައެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ ފުރަބަންދުގެ މުއްދަތުގައި އެރަށުގެ ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށެވެ. އަދި ޓާސްކު ފޯސްގެ ފަރާތުން ކުރާ އެންމެ މުހިންމު ކަމަކީ އެރަށަށް ބަލި އަޔަނުދިނުމަށް ކުރާ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.