އިތުރު ސީޒަނެއްގައި މެންޗެސްޓާ ޔުނައިޓެޑަށް ކުޅުމަށް އެކުލަބުގެ ވޭލްސް މިޑްފީލްޑަރު ރަޔަން ގިގްސް އަށް ދޭނެ ކަމަށް އެޓީމުގެ ކޯޗު ސާ އެލެކްސް ފާގަސަން ބުނެފި އެވެ.

މެންޔުނައިޓެޑް ޓީމަށް އެންމެ ގިނަ ދުވަހު ޚިދުމަތް ކޮށްދިން ކުޅުންތެރިޔާ އަކީ ގިގްސް އެވެ. އަންނަ ސީޒަން ވެގެންދާނީ މެންޔުނައިޓެޑަށް ގިގްސް ކުޅޭ 23 ވަނަ ސީޒަނަށެވެ. 1990 ވަނަ އަހަރު މެންޔުނައިޓެޑާއި ގުޅުނު ގިގްސް ވަނީ އެކުލަބަށް 900 އަށްވުރެ ގިނަ މެޗު ކުޅެފަ އެވެ.

"ގިގްސް އަށް އިތުރު އަހަރަކު ކުޅެވިދާނެ ކަމަށް އަހަރެން ގަބޫލުކުރަން. އޭނާގެ ބުންވަރާއި، ބާރު އަދި ކުޅުމަށް އެއްވެސް އުނިކަމެއް އައިސްފައިވާ ކަމުގެ ހެއްކެއް ފެންނާކަށް ނެތް. ދެއަހަރު ނުވަތަ ތިން އަހަރު ކުރިން ވެސް އޭނާގެ ފަރާތުން ފެނިގެންދިޔައީ މިހާރު ކުޅޭ ކުޅުން. ގިގްސްގެ ކޮންޓްރެކްޓް އާކުރުމުގެ ފުރުސަތު އޭނާ އަށް ދޭނަން." މެންޔުނައިޓެޑްގެ ކޯޗް ފާގަސަން ބުންޏެވެ.

ގިގްސްގެ ފުޓުބޯޅަ ކެރިޔަރު ފަށާފައިވަނީ މެންޗެސްޓާ ސިޓީ އިންނެވެ. މެންސިޓީގެ ޒުވާން ޓީމަށް ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކުޅުމަށް ފަހު 1987 ވަނަ އަހަރުގައި ގިގްސް ފެނުނީ މެންޔުނައިޓެޑްގެ ޒުވާން ޓީމުންނެވެ. މެންޔުނައިޓެޑްގެ ޒުވާން ޓީމަށް ދެއަހަރު ކުޅުމަށް ފަހު، ގިގްސް ދެން ފެނިގެންދިޔައީ މެންޔުނައިޓެޑްގެ ސީނިއާ ޓީމުންނެވެ.