22 May 2020, 01:28
މިހާރު އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއި ދިނުމުން ދިމާވާނީ ކޮން ބަޔަކާތޯ ނިންމައި، އެ ފަރާތްތަކަށް އެކަން އަންގައި ހަމައެކަނި އެފަރާތްތަކާ ބައްދަލުވާނެގޮތަށް ކަންތައް ނިންމައި އަމިއްލައަށް މައިކްރޯ ކްލަސްޓާ ހެދުމަށް ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން އެދިއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން އެ ވައިރަސް ކޮންޓްރޯލުކުރުމަށްޓަކައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުޔެއް ދިނުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. މިހާލަތުގައި އަމިއްލައަށް މައިކްރޯ ކްލަސްޓާ (ފުރަބަންދަށް ފަހު ދިމާވާނެ މީހުން) ހެދުމަށް އެދިފައިވަނީ ބައްދަލުވާ ފަރާތްތައް ރަނގަޅަށް މޮނިޓާކުރުމަށްޓަކައެވެ. އަދި ދިމާވާ ފަރާތްތަކާއި އެ ފަރާތްތަކުގެ މައުލޫމާތު އަމިއްލައަށް އެނގިފައި އޮތުމަކީ މައިކްރޯ ކްލަސްޓާއެއް ހެދުމުގެ ބޭނުމެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ، ކޮންމެ މީހަކުވެސް މައިކްރޯ ކްލަސްޓާ ހަދާއިރު ބައްދަލުވާ ފަރާތްތަކަށްވެސް އެކަންތައް އަންގާފައި ބޭއްވުން މުހިއްމުވާނެ ކަމަށެވެ.
"ތިބޭފުޅުން މިހާރު ނިންމަވަންވީ ލޮކްޑައުންގެ ހާލަތުން ލުއިތައް ލިބޭއިރު ދިމާވާނީ ކޮންބަޔަކާތޯ. އެބޭފުޅުންނަށްވެސް އެނގެންވީ ތިބޭފުޅުން ނިންމައިފިކަން މިފައެއްކަ، ހައެއްކަ މީހުންނާއޭ ދިމާވާނީ އާންމުގޮތެއްގައި. އިތުރު މީހަކާ ދިމާއެއް ނުވާނެ ކަން،" އޭނާ ވިދާޅުވިއެވެ.
އެއިރުން އެ މީހުންނާ ދިމާވާ މީހުންގެ ކޮންޓެކްޓު މަދުކުރަން އެނގޭނެ ކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ.
މަބްރޫކް ވިދާޅުވީ، މައިކްރޯ ކްލަސްޓާ ބަލާއިރު އުމުރުން ދުވަސްވީ މީހުން ނުވަތަ އެނދުދާން ވެފައި ތިބި މީހުންނަށް ބޮޑު އިސްކަމެއް ދިނުމަށް ވިސްނަން ޖެހޭނެ ކަމަށެވެ. އެގޮތުން އެފަރާތްތަކަށް އެހީތެރިވާ މައިކްރޯ ކްލަސްޓާ ވަރަށް ކުޑަވާން ޖެހޭނެ ކަމަށް އޭނާ ވިދާޅިުވިއެވެ.
"އެ ފަރާތްތަކާ ބައްދަލުވާ މީހުން، ދެތިން މީހުންނަށްވުރެ އިތުރުވެގެން ނުވާނެ،" އޭނާ ފާހަގަކުރެއްވިއެވެ.