22 May 2020, 01:11
ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތުގައި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދިރާސާ ރިޕޯޓެއް ނެރުނު އިރު މިހާތަނަށް އަދި އެއްވެސް މައްސަލައެއް ފާހަގަވެފައި ނުވާކަން ހާމަވެއްޖެ އެވެ.
ކޮވިޑް 19 ގެ ހާލަތަށް ބޭނުންވާ ވެންޓިލޭޓަރު ގަތުމަށް ބަޔަކާ ހަވާލުކުރި މައްސަލައިގައި ކޮރަޕްޝަނުގެ އަމަލެއް ހިމެނޭތޯ އޭސީސީ އިން ބަލަމުންދާ މައްސަލައަށް ބޭނުންވާ ހުރިހާ ޑޮކިއުމެންޓެއް ލިބިފައިވާ ކަމަށް އެ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި ވިދާޅުވެފަ އެވެ.
ބާރަ ސޮފުހާގެ އެ ރިޕޯޓާ ގުޅޭ ގޮތުން އޭސީސީން ބުނެފައިވަނީ، ކަމާގުޅުންހުރި އިދާރާތަކުން މިހާތަނަށް ހޯދާފައިވާ ލިޔުންތަކާއި މައުލޫމާތު ދިރާސާކުރުމަށްފަހު ފާހަގަކުރެވުނު ކަންތައްތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ޚުލާސާ ރިޕޯޓެއް ކަމަށާއި އެ މައްސަލައަކީ ތަހްގީގް ކުރެވެމުންދާ މައްސަލައަކަށް ވާތީ އިތުރަށް ހޯދަންޖެހޭ މައުލޫމާތުތަކާއި ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން 149 ވެންޓިލޭޓަރު ގަތުމަށް ތިން ކުންފުންޏަކާ އެކު ހަތަރު އެއްބަސްވުމެއް ހަދާފައިވާ ކަމަށް އޭސީގެ ރިޕޯޓްގައި ވަނީ ބުނެފަ އެވެ. އެ ވެންޓިލޭޓަރުތަކުގެ ތެރެއިން މިހާތަނަށް ރާއްޖެ ގެނެސްފައިވަނީ 22 ވެންޓިލޭޓަރު ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ވެންޓިލޭޓަރު ގަތުމަށް ހަވާލު ކުރި ތިން ކުންފުނި:
ނާޑު ޕްރައިވެޓް ލިމިޓެޑް (24 ވެންޓިލޭޓަރު)
- މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (50 ވެންޓިލޭޓަރު)
- އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ، ޑުބާއީ (75 ވެންޓިލޭޓަރު)
ވެންޓިލޭޓަރު ގެންނަން ހަވާލު ކުރި ކުންފުނިތަކުގެ ތެރެއިން ފައިސާ ހަވާލު ކޮށްފައިވަނީ ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ އެކަންޏެވެ. އެއީ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދިން ޖުމްލަ އަދަދުގެ 75 ޕަސެންޓާއި ފަހުން ދިން 15 ޕަސެންޓެވެ. އެގޮތުން އެ ކުންފުންޏަށް ޖުމްލަ 31.05 މިލިއަން ރުފިޔާ ވަނީ މިހާރު ދައްކާފަ އެވެ.
ވެންޓިލޭޓަރު ގެނައުމުން ކުންފުނިތަކާ ހަވާލު ކޮށްފައިވާ ގޮތް ހެލްތު މިނިސްޓްރީން ވަނީ އޭސީސީއަށް ކިޔައިދީފަ އެވެ. އެގޮތުން ކުންފުނިތައް އިޚްތިޔާރު ކޮށްފައިވަނީ އެއްފަރާތާ ހަވާލުކުރުމުން ނުލިބި ލަސްވެދާނެކަމަށް ފެންނާތީ އެ މިނިސްޓްރީއަށް އިތުބާރުހިފޭ ކުންފުނިތަކަކަށް ބަހާލައިގެން ވެންޓިލޭޓަރު ގެނައުން ރަނގަޅުވާނޭކަމަށް މިނިސްޓްރީގެ ޓެކްނިކަލް ބޭފުޅުން ލަފާދީފައިވާތީ ކަމަށެވެ.
ވެންޓިލޭޓަރު ގެނައުމަށް ކުންފުނިތަކާ ހަވާލު ކުރުމުގައި، އެންމެ އަވަހަށް ވެންޓިލޭޓަރު ރާއްޖެ ގެނެވޭނެ ކުންފުނިތަކަށް ވަނީ އިސްކަންދީފަ އެވެ. އަދި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ވެސް ތާރީޚްތަކެއް ކަނޑައަޅާފަ އެވެ. ނަމަވެސް އެއްވެސް ކުންފުންޏަކުން އެއްބަސްވެފައިވާ ތާރީޚަށް ވެންޓިލޭޓަރުތައް ގެނެސްފައެއްނުވެއެވެ.
ކޮވިޑް-19 އާ ގުޅިގެން ހޯދަންޖެހޭ މެޝިނަރީޒްއާ އިކުއިޕްމެންޓުގެ އަގު 2.5 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާތީ، އެ ތަކެތި ހޯދޭނީ ޓެންޑަރ ބޯޑަށް ހުށަހަޅައިގެން ކަމަށްވާތީ، 2.5 މިލިއަން ރުފިޔާއަށްވުރެ އަގު ބޮޑުވާ މަސައްކަތްތަކާ ގުޅޭގޮތުން ހޯދަންޖެހޭ ޑޮކިއުމެންޓްތައް ޓެންޑަރ ބޯޑަށް ހުށަހަޅަން ނުޖެހޭގޮތަށް މިނިސްޓްރީ އޮފް ހެލްތްގެ ޓެންޑަރ ކޮމިޓީން ނިންމައިގެން ކުރިއަށް ގެންދިއުމުގެ ޚާއްސަ ހުއްދައަކަށް އެ މިނިސްޓްރީން އެދުމުން، އެކަމަށް ޚާއްސަ ބަޖެޓެއް ހަމަޖައްސައި އެ ބަޖެޓްގެ ތެރެއިން ސީދާ އެ ޚަރަދު ކުރާގޮތަށް ހެލްތްގެ ބިޑް ކޮމިޓީ މެދުވެރިކޮށް އެފަދަ މަސައްކަތާއި ތަކެތި ހޯދުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ޚާއްސަ ހުއްދައެއް ދީފައިވާ ކަން އޭސީސިން ވަނީ ފާހަގަކޮށްފަ އެވެ.
އެސީސީގެ ރިޕޯޓާއި ގުޅިގެން ކުރީގެ ޕްރޮސިކިއުޓާރ ޖެނަރަލް މުހްތާޒް މުހްސިން ވިދާޅުވީ، ދިރާސާ ރިޕޯޓް ނެރުމުގެ ބަދަލުގައި ޖިނާއީ ތަހްގީގެއް ހިންގުން މުހިންމު ކަމަށާއި ދިރާސާ ރިޕޯޓްތަކުގެ ނަތީޖާ އަކީ އަސާސެއް ނެތް ތުހުމަތުތަކެއް ކުރެވުމާއި ފަސާދަ އާންމުވުން ކަމަށެވެ.
އެ ރިޕޯޓް ނިންމާލަމުން އޭސީސީން ބުނެފައިވަނީ، ކަނޑައަޅާފައި ހުންނަ އުސޫލުތަކުގެ ބޭރުން، ވަކި ޚާއްސަ ހުއްދަ ދެވޭ ދެވުމަކީ، ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގެ މައިގަނޑު މަޤްސަދުތައް ހާސިލުކުރުމަށް ހުރަސްއެޅޭ އަދި ކޮރަޕްޝަނުގެ ހިރާސް އިތުރުވާނެ ކަމެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމަށް އާންމުން ކުރާ އިތުބާރު ކުޑަވެ، ޝައްކު ކުރުމުގެ ޖާގަ އުފެދުމުގެ އިހުތިމާލު ވެސް ބޮޑުވެގެންދާނެ ކަމަށެވެ.