22 May 2020, 00:57
މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއި ދިނުމަށް ނިންމާފައި އޮތްނަމަވެސް، ވައިރަސްގެ ބިރު ކެނޑުނީ ކަމަށް ހީނުކުރެއްވުމަށް ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.
ރާއްޖޭގައި ވައިރަސް ފެތުރޭ މިންވަރު ވަކި ވަރަކަށް ކޮންޓްރޯލުވާން ފެށުމާ ގުޅިގެން ލޮކްޑައުން އަށް އެކި ކަހަލަ ލުއިތަކެއް ދޭން ފަށާނެ ކަމަށް ސަރުކާރުން ވަނީ ދާދި ފަހުން ހާމަކޮށްފައެވެ.
އެކަމާ ގުޅޭގޮތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ފުރަބަންދަށްފަހު އަލުން ހުޅުވާލުމާއެކު ކޮންމެވެސް ވަރަކަށް ޕޮޒިޓިވް ކޭސްތައް އިތުރުވުމަކީ ހާލަތުގެ ގޮތުން ވުން އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންނަމަވެސް ބައެއް ގައުމުތަކުގައި އެފަދަ ހާލަތްތަކުން ބޮއްސުންލައިގެން ގޮސްފައިވާ މަންޒަރު ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ބައެއް ސަރަހައްދުތަކުގައި އެ ހާލަތުން ބޮއްސުން ލައިގެން ގޮސް އަލުން ލޮކްޑައުންއަށް ދާން ޖެހޭ ހިސާބަށް ގޮސްފައި އެބަހުރި. އެހެންވީމަ އެއްވެސް ގޮތަކަށް ދެކިގެން ނުވާނެ އަޅުގަނޑުމެންނަށް މި ގެނެވޭ ލުއިތައް، މިއާއެކީގައި ވައިރަސްގެ ބިރުވެރިކަން ކެނޑިގެން ގޮސްފި ކަމަށް،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ އަދިވެސް ހުރިހާ އެންމެން އޮޕަރޭޓް ވާން ޖެހޭނީ އެ ވައިރަހަކީ ދިވެހީންގެ ތެރޭގައި އުޅޭ ވައިރަސް އެއް ކަމަށް ދެނެތިބެގެން ކަމަށެވެ.
"އަދި އެ ވައިރަސް ހަމަ، ޖެހެމުންދާ މިންވަރަށް ޖެހެމުން ގޮސްދާނެ ކަން އެނގެން ޖެހޭ. އެކަމާ ސަމާލުވެ މަސައްކަތް ނުކުރެވިއްޖެނަމަ،" އޭނާ ވިދާޅުވިއެވެ.
ވައިރަހަށް ސަމާލުވުމަށްޓަކައި އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އިޖުތިމާއީ ގައިދުރުކުރުން ކަމަށާއި ސާފުތާހިރުކަން އިޚްތިޔާރު ކުރުން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން ފުރަބަންދަށް ލުއިތަކެއް ދޭން ފަށާއިރު އާންމުން ތައްޔާރުވުމަށް މަސައްކަތް ކުރުމަށް މަބްރޫކް އެދިލެއްވިއެވެ.
ނިއު ނޯމަލްއަށް ތައްޔާރުވުމުގެ ގޮތުން ގޭގައި ތިބެ މާސްކު ފަދަ ތަކެތި ތައްޔާރުކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް އެނާ ފާހަގަކުރެއްވިއެވެ.