21 May 2020, 23:25
ދުބާއީން ގެންނަން ހަމަޖެހިފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 10 ވެންޓިލޭޓަރު މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 ރޯގާ ނުރައްކާތެރި ހާލަތަކަށް ގޮސްދާނެ ވަގުތަކަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއަށް 200 ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އެ ވެންޓިލޭޓަރުތަކާއެކު، މިހާރު ޖުމްލަ 129 ވެންޓިލޭޓަރު އެބަހުރި ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން 149 ވެންޓިލޭޓަރު ގަތުމަށް ތިން ކުންފުންޏަކާ އެކު ހަތަރު އެއްބަސްވުމެއް ހަދާފައިވާ ކަމަށް އޭސީސީގެ ރިޕޯޓްގައި ވަނީ ބުނެފަ އެވެ. އެ ވެންޓިލޭޓަރުތަކުގެ ތެރެއިން މިހާތަނަށް ރާއްޖެ ގެނެސްފައިވަނީ 22 ވެންޓިލޭޓަރު ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ވެންޓިލޭޓަރު ގަތުމަށް ހަވާލު ކުރި ތިން ކުންފުނި:
ނާޑު ޕްރައިވެޓް ލިމިޓެޑް (24 ވެންޓިލޭޓަރު)
މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (50 ވެންޓިލޭޓަރު)
އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ، ޑުބާއީ (75 ވެންޓިލޭޓަރު)
ކޮވިޑް19ގެ ނުރައްކާތެރި ހާލަތަކަށް ތައްޔާރުވުމަށް ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމަށް ކުންފުނިތަކާ ހަވާލުކޮށްފައި ވަނީ ބިޑް ނުކޮށް ކަމަށާއި، އެގޮތަށް އެކަން ނިންމީ ވަރަށް އަވަހަށް ވެންޓިލޭޓަރުތައް ބޭނުންވާތީ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.