26 Dec 2011, 17:33
އަންނަ އަހަރަށް ލަފާކުރާ ދައުލަތު ބަޖެޓަށް ޑީއާރުޕީން ހުށަހެޅި އިސްލާހުތަކާ އެކު ބަޖެޓް ފާސްވެގެންދިއުމަކީ އެ ޕާޓީ އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ޑީއާރުޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ނައިބު ރައީސް ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
ޑީއާރުޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުންނާ އެކު އެ ޕާޓީގެ އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޑރ. މައުސޫމް ވިދާޅުވީ މަޖިލީހަށް ބަޖެޓް ހުށަހެޅުމާ އެކު އެ ޕާޓީގެ ފަރާތުން އެކި ގޮތްގޮތުން ބަޖެޓަށް ގެންނަން ޖެހޭ އިސްލާހުތަކާ ބެހޭ ގޮތުން ބަހުސްކުރި ކަމަށާއި ކޮމިޓީ މަރުހަލާގައި ވެސް ބަޖެޓަށް އިސްލާހުތަކެއް ހުށަހެޅި ކަމަށެވެ. އަދި ޑީއާރުޕީން ހުށަހެޅި އިސްލާހުތަކަށް ތާއީދުކޮށް ގިނަ އަދަދެއްގެ މެމްބަރުންތަކެއް ވޯޓު ދިނުމުން އެކަމާ ޝުކުރުވެރިވާ ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކަނޑީތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން ވިދާޅުވީ ބަޖެޓް ހުށަހެޅި އިރު ލޯކަލް ކައުންސިލްތަކަށް ބަޖެޓުގައި ކަނޑައަޅާފައި އޮތް ބަޖެޓާ މެދު ކަންބޮޑުވާން ޖެހޭ ކަމަށާއި އެހެންނަމަވެސް އެ ޕާޓީގެ ފަރާތުން ހުށަހެޅި އިސްލާހުތަކާ އެކު ބަޖެޓު ފާސްވި އިރު ބަޖެޓުގައި ލޯކަލް ކައުންސިލްތަކަށް ކުރިން ކަނޑައަޅާފައި އޮތް އަދަދުގެ އިތުރަށް 300 މިލިއަން ރުފިޔާ ހަމަޖެހިފައިވާނެ ކަމަށެވެ.
"ކައުންސިލްތަކުގެ ޒިންމާ ފުރިހަމަ ގޮތެއްގައި އަދާކުރެވޭ ވަރުގެ ބަޖެޓެއް އޮންނަން ޖެހޭ. މިދިޔަ އަހުރުގެ ބަޖެޓު ހުށަހެޅުނު އިރު ވެސް ލޯކަލް ކައުންސިލްތަކަށް ހަމަޖެއްސި ބަޖެޓު ބޮޑުކުރުމަށް އަޅުގަނޑުމެން އިސްލާހު ހުށަހެޅިން. އެފަހަރު އެގޮތަށް ފާސްނުވީމާ ވެސް އަޅުގަނޑުމެން އަނެއްކާ ވެސް މިއަހަރު އިސްލާހުތައް ހުށަހަޅައިގެން އެގޮތަށް ފާސްކޮށްފައި ވާނީ،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށްދޭ އިނާޔަތް 15 ޕަސެންޓް ބޮޑުކުރުމަށް ޑީއާރުޕީން ހުށަހެޅި އިސްލާހާއި ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރައިގެ މައްސަލައަށް ހައްލެއް ގެނައުމަށް ހުށަހެޅި އިސްލާހުގެ އިތުރުން ސަބްސިޑީ ދިނުމާ ބެހޭ ގޮތުން ޑީއާރުޕީން ހުށަހެޅި އިސްލާހުތައް ފާސްވެފައިވާ ކަމަށް ވެސް ޑީއާރުޕީން ބުންޏެވެ.