21 May 2020, 23:19
ދުނިޔޭގެ ބޮޑު ފާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ އެސްޓްރާޒެނެކާ އިން ކޮވިޑް-19 ނައްތާލެވޭނެ ކަމަށް ބެލެވޭ ވެކްސީންއެއްގެ މަސައްކަތް ކުރާ ކަމަށާއި ޓެސްޓުތައް ކާމިޔާބުވެއްޖެ ނަމަ މިއަހަރުގެ ސެޕްޓެމްބަރު މަހުގައި ވެކްސީން ނެރެވޭނެ ކަމަށް އެކުންފުނީން ބުނެފި އެވެ.
އެސްޓްރާޒެނެކާއިން ބުނެފައިވަނީ ވެކްސީންގެ މަސައްކަތް މިހާރު އޮތީ ޓެސްޓިންގެ ފުރަތަމަ މަރުހަލާގައި ކަމަށެވެ. އަދި އެ ޓެސްޓުތައް ކާމިޔާބު ނުވުމަކީ އެކަށީގެންވާ ކަމެއްކަން އެނގޭ ކަމަށްވެސް އެކުންފުނީން ބުނެ އެވެ.
އެހެންނަމަވެސް ކްލިނިކަލް ޓެސްޓިންގް ޕްރޮގްރާމް ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދިޔުމަށް ފުރިހަމަ ޔަގީންކަން ދޭ ކަމަށް އެސްޓްރާޒެނެކާއިން ބުނެ އެވެ.
އެކުންފުނީން ބުނެފައިވަނީ ވެކްސީން ކާމިޔާބު ވެއްޖެނަމަ މިއަހަރުގެ ސެޕްޓެމްބަރު މަހުގައި އެ ދޫކުރަން ފެށޭނެ ފެންވަރު އެބަހުރި ކަމަށެވެ.
އެގޮތުން އޮކްސްފޯޑް ޔުނިވާސިޓީއާ ގުޅިގެން ވެކްސީން އުފައްދާއިރު ފުރަތަމަ މަރުހަލާގައި 400 މިލިއަން ޑޯސް ޑެލިވާ ކުރުމުގެ ގާބިލުކަން އެކުންފުނީގެ އެބަހުރި ކަމަށް ވަނީ ބުނެފަ އެވެ.
މިއަހަރާއި ކުރިއަށް އޮތް އަހަރުގެ ތެރޭގައި އެއް ބިލިއަން ޑޯސް އުފެއްދުމުގެ ގާބިލުކަންވެސް އެސްޓްރާޒެނެކާގެ އެބަހުރި ކަމަށް އެކުންފުނީިން ބުންޏެވެ.
އެކަމާ ގުޅޭގޮތުން ސައިންސުވެރިން ބުނެފައިވަނީ ކޮރޯނާވައިރަސްގެ ވެކްސީން އެއް އުފެއްދި ނަމަވެސް އޭގެން ފުރިހަމަ އިމިއުނިޓީއެއް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ހަމައެއާއެކު އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޯރިސް ޖޯންސަން ވަނީ ކޮވިޑް-19 އަށް ހާއްސަ ވެކްސީން އެއް އުފެއްދި ދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މީގެކުރީން ވިދާޅުވެފަ އެވެ.
ސައިންސުވެރިން މިފަދަ މޭރުމަކުން ވާހަކަދައްކާފައިވީ ނަމަވެސް ގިނަ ބަޔަކު ދަނީ ވައިރަސް އަށް ހާއްސަ ވެކްސިނެއް އުފައްދެމުންގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދުނިޔޭގެ 80 އަށްވުރެ ގިނަ ގްރޫޕަކުން ދަނީ ކޮވިޑް-19 ނައްތާލުމަށް ވެކްސީން އެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.