26 Dec 2011, 17:20
ކ. ތިލަފުށީގައި ހަދާ ކަސްޓަމްސް އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް 2.6 މިލިއަން ރުފިޔާގެ ކޮންޓްރެކްޓް އެގްރީމެންޓެއްގައި ސަރުކާރުން ޕްރޮޕް ޕްރައިވެޓް ލިމިޓެޑްއާ އެކު މިއަދު ސޮއިކޮށްފި އެވެ.
ހައުސިން މިނިސްޓަރީގައި މިއަދު އޮތް ރަސްމިއްޔާތުގައި އެ މަސައްކަތުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އެވެ. ޕްރޮޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމްޕެނީގެ ޑިރެކްޓަރު އޮޕަރޭޝަންސް އަހުމަދު ނިޝާމް އަލީ އެވެ.
ހައުސިން މިނިސްޓަރީން ބުނި ގޮތުގައި އެ މަސައްކަތުގެ ދަށުން ކ. ތިލަފުށީގައި އިމާރާތް ކުރަންފަށާފައިވާ ފަސް ބުރީގެ ކަސްޓަމްސް އިމާރާތުގެ ތިން ވަނަ ބުރީގެ ކޮންކްރީޓް މަސައްކަތްތަކާއި ބޭރުފާރުތައް ރޭނުމާއި ސިމެންތި ޖެހުމަށާއި ދޮރު ބަހައްޓައި ހިޔާކޮށް 200 ދުވަސް ތެރޭގައި ނިންމައި ހަވާލުކުރަން ޖެހޭނެ އެވެ.