ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި އަސަރާ ގުޅޭގޮތުން އެމްއެންޔޫ އިން ކުރިއަށްގެންދާ ދިރާސާ އަންނަ މަހު ނިމޭނެ ކަމަށް އެ ޔުނިވާސިޓީ އިން ބުނެފި އެވެ.

އެމްއެންޔޫ އިން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފަރާތުން އެ ޔުނިވާސިޓީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މި ދިރާސާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކޮވިޑް19 ގެ ސަބަބުން ކޮށްފައިވާ އަސަރު ދެނެގަތުމާއި، ދުނިޔޭގެ ޓުއަރިޒަމް ވިޔަފާރިއަށާއި، ވަކިވަކި މާކެޓްތަކަށާއި، ދިވެހިރާއްޖެއަށާއި ދުނިޔޭގެ ދަތުރުފަތުރުގެ ވިޔަފާރިއަށް އައިސްފައިވާ ބަދަލުތަކަށް ރިއާޔަތްކޮށް ފަތުރުވެރިކަން ކުރިއަށް އޮތް އަހަރުތަކުގައި އިޔާދަވުމަށް މަގުފަހިވާނެ ތަސައްވުރެއް އެކުލަވާލެވޭނެ ކަމަށެވެ.

މި ދިރާސާ ކުރިއަށްގެެންދަނީ ގައުމީ ޔުނިވަސިޓީގެ ރިސާޗް ސެންޓަރުންނެވެ.

މި މަސައްކަތުގައި ޔުނިވަރސިޓީގެ 14 ފަންނީ މުއައްޒަފުން ބައިވެރިވަޑައިގަވާކަމަށް އެމްއެންޔޫ އިން ބުންޏެވެ.

ދިރާސާ ކުރިއަށް ގެންދިއުމުގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރައްވާ އެންމެހާ ފަރާތްތަކުގެ އެއްބާރު ލެއްވުމާއި އެކު، އަންނަ ޖޫން މަހުގެ ކުރީ ކޮޅު ނިމޭނެކަމަށް އެ ޔުނިވާސިޓީ އިން ލަފާކުރެ އެވެ.