އެމެރިކާއިން އައްޑު ސިޓީގައި ހިންގާ މޫސުމާ ބެހޭ "ޑައިނަމޯ ޕްރޮޖެކްޓް"ގައި މަސައްކަތްކުރާ އެމެރިކާގެ ދެ މުވައްޒަފަކު ދުއްވާ ކާރުގައި ރޭ އަލިފާން ރޯކޮއްލައި ގެއްލުން ދީފި އެވެ.

ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހިތަދޫގައި ޕާކްކޮށްފައި އޮތް ކާރެއްގައި ރޭ ދަންވަރު ރޯކޮށްލައިފައިވާ އިރު، ކާރުގެ އެއް ފުރޮޅު އަނދައިގެން ގޮސްފައިވާ ކަމަށެވެ. އެ މައްސަލަ އިތުރަށް ތަހުގީގް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. އިތުރު ތަފުސީލެއް ނުދެ އެވެ.

މި ކާރުގައި ރޯކޮލި މައްސަލަ ޕީޕީއެމުން މިއަދު ވަނީ ކުށްވެރިކޮށްފަ އެވެ. އެ ޕާޓީގެ ތަރުޖަމާނު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވީ އެއީ ސަރުކާރުން ރާވައިގެން ހިންގަވާފައިވާ އަމަލެއްކަމަށް ތުހުމުތު ކުރެވޭ ކަމަށާއި، އެފަދަ ކަންތައް ސަރުކާރުން ކުރަން ބޭނުންވަނީ ބައިނަލް އަގްވާމީ ދުނިޔޭގައި އިދިކޮޅު ފަރާތްތަކުގެ އަގު ވައްޓާލުމުގެ ނިޔަތުގައި ކަމަށެވެ.

"މިކަން ކޮށްފައިވަނީ އެމެރިކާގެ ރައްޔިތުންލައްވާ ނުރުހުން ފާޅު ކުރުމަށް ނޫންނަމަ ރާއްޖޭގައި ތިބީ ހައްދު ފަހަނައަޅައި ގޮސްފައިވާ ބައެއްކަން ބޭރުގެ ގައުމުތަކަށް ސިފަކޮށްދިނުމަށް" މަހުލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހިންނަކީ ފެށުނީއްސުރެ މެހެމާނުންނަށް އިހްތިރާމް ކުރާ ބައެއް ކަމަށާއި، ފަހަކަށް އައިސް ސަރުކާރުން ފަތުރާ ލާދިނީ ފިކުރުތަކާއި ދެކޮޅަށް އަޑުއުފުލުމާއި ގުޅިގެން ސަރުކާރުން ބޭނުންވަނީ އިދިކޮޅު ފަރާތްތަކަކީ ހައްދުފަހަނައަޅައި ގޮސްފައިވާ ފަރާތް ތަކެއްކަން ބޭރު ދުނިޔެއަށް ހާމަކުރުމަށް ކަމަށެވެ.

ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީގައި މިއަދު ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު މީޑިޔާއަށް ދެއްވާފައިވާ އިންޒާރާ ބެހޭ ގޮތުން ވެސް މަހުލޫފު ވާހަފުޅު ދެއްކެވި އެވެ. ވިދާޅުވީ އެއީ ބިރުދެއްކުމުގެ ގޮތުން ދެއްވި އިންޒާރެއް ކަމަށެވެ.

މަހުލޫފް ވިދާޅުވީ ސަރުކާރުގެ މީޑިޔާ އެމްއެންބީސީ މެދުވެރިކޮށް އެމްޑީޕީގެ ހަރުގޭގައި ދެއްކި ގާނޫނާއި ހިލާފު ހުރިހާ ވާހަކަތަކެއް ލައިވް ކުރުމަށްފަހު އަމިއްލަ މީޑިޔާތަކަށް ޑިސެމްބަރު 23 ގެ ބޮޑު މުޒާހަރާ ލައިވްކުރަމުން ގެންދިޔައިރު ގައުމީ ދިފާއީ ބާރުން ބިރުދެއްކުމަށް މަސައްކަތްކުރި ކަމަށާއި ދެން އެފަދަ ގޮތަކަށް ކުރަން ފުރުސަތު ނުދޭނެކަމަށެވެ.

"ސަރުކާރުން ނިކަން ހިތްވަރެއް ހުރިއްޔާ [މީޑިއާތައް] ބަންދުކޮށްބަލަ. މިއަދު މިތިބީ އިދިކޮޅު ފަރާތްތައް ވަރަށް ފޯރީގައި،" މަހުލޫފް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ މީޑިޔާ ގެ ވަސީލަތްތަށް ސަރުކާރުން ހިތަށް އެރުމުން ބަންދުނުކުރޭވެނެ ކަމަށެވެ.

ގައުމީ ސަލާމާތަށް ނުރައްކާވާފަދަ މައްސަލަތައް މީޑިޔާއިން ހިމާޔަތް ނުކޮށް ގެނެސްދޭނަމަ އެފަދަ ނޫސްތަކާއި ޓީވީ އަދި ރޭޑިއޯ ސްޓޭޝަންތައް ބަންދު ކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެ ގައުމީ ސަލާމަތުގެ ކޮމިޓީގައި ވަނީ މިއަދު އިންޒާރު ކުރައްވާފައެވެ.