21 May 2020, 15:45
ބެއިޖިންގް (21 މޭ 2020) : ކޮރޯނާވައިރަސް "ކޮވިޑް-19" ޖެހޭ މީހުންގެ ހަށިގަނޑުން ފެންނަ އަލާމާތްތައް އެކި ސަރަހައްދުގައި ތަފާތުކަން ވަރަށް ބޮޑަށް ފާހަގަ ކުރެވި އެކަން ކަށަވަރު ކުރެވިފައިވާ ކަމަށް ޗައިނާގެ ޑޮކްޓަރުން ބުނެފި އެވެ.
ކޮވިޑް-19ގެ ތަޖްރިބާ އެންމެ ބޮޑަށް ލިބިފައިވާ ޗައިނާގެ ޑޮކްޓަރުންނާ ހަވާލާދީ އެގައުމުގެ ނޫސް އެޖެންސީއެއް ކަމަށްވާ ޒިންހުވާ ބުނާ ގޮތުން ޗައިނާގެ އުތުރުގެ ސަރަހައްދުތަކުގައި ކޮވިޑް-19 ޖެހުނު މީހުންގެ ހަށިގަނޑުން ފެނުނު އަލަމާތްތައް އެގައުމުގެ ވުހާން ސިޓީގައި އެ ރޯގާ ޖެހުނު މީހުންގެ ހަށިގަނޑުން ފެނުނު އަލަމާތްތަކާ ވަރަށް ތަފާތެވެ.
އަދި ޗައިނާގެ ފަރުބަދަމަތީ ދެ ސަރަހައްދު ކަމަށްވާ ހީލޮންގްޖިޔާންގް އާއި ޖީލީންގައި ކޮވިޑް-19 ޖެހުނު މީހުންގެ ހާލަތްތައް ދިރާސާކުރިއިރު އެ މީހުންގެ އިންކިއުބޭޓާ މުއްދަތު (ބަލީގެ އަލާމާތްތައް ފެންނަ މުއްދަތު އަދި ޓެސްޓަށް ޕޮޒިޓިވްވާ ކަމަށް ދައްކާ މުއްދަތު) އެހެން ސަރަހައްދުތަކުން ޕޮޒިޓިވް ވި މީހުންގެ އިންކިއުބޭޓާ މުއްދަތަށްވުރެ މާ ބޮޑަށް ދިގުކަން ފާހަގަ ކުރެވިފައިވާ ކަމުގައެވެ.
މީގެއިތުރުން ފަރުބަދަމަތީ ދެ ސަރަހައްދުން ޕޮޒިޓިވް ވި މީހުންގެ ކިބައިން ހުމުގެ ކަންފުޅެއްވެސް ނުފެންނަކަމާއި ނަމަވެސް ކެއްސުމާއި ކަރު ހިރުވުމާއި އާދަޔާ ޚިލާފަށް ވަރުބަލިވުމުގެ އަލާމާތްތައް އެހެން ސަރަހައްދުތަކުން ޕޮޒިޓިވް ވި މީހުންނަށްވުރެ ބޮޑަށް އެމީހުންގެ ކިބައިން ފެނިފައިވާ ކަމަށް ޗައިނާގެ ޑޮކްޓަރުން ވިދާޅުވިއެވެ.
ކޮވިޑް-19 ޖެހޭ މީހުންގެ ހަށިގަނޑުން ފެންނަ އަލާމާތްތައް އެކި ސަރަހައްދުގައި ތަފާތުވަނީ އެސަރަހައްދުތަކުގެ މޫސުމާއި ހޫނު ފިނިމިނާއި ވައިގެ ތެތްކަންފަދަ ކަންކަމާ ގުޅިގެންކަމަށް ބެލެވޭކަމަށާއި އެކަން އިލްމީ ގޮތުން ދިރާސާ ކުރަމުން ގެންދާކަން ޗައިނާގެ ޑޮކްޓަރުން ހާމަކުރެއްވިއެވެ.
އަދި މޫސުން ތަފާތު ޗައިނާގެ ބައެއް ސަރަހައްދުތަކުން ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނަ މީހުންގެ ހަށިގަނޑުން އެއްވެސް އަލާމާތެއް ފެނިފައިނުވާ މައްސަލަ ވެސް ފާހަގަ ކުރެވިފައިވާކަމާއި އެކަންވެސް ދިރާސާ ކުރަމުން ގެންދާކަމަށް ޗައިނާގެ ޑޮކްޓަރުންނާ ހަވާލާދީ ޒިންހުވާ ބުނެއެވެ. ކޮވިޑް-19 ޖެހޭ މީހުންގެ ހަށިގަނޑުން އަލާމާތްތައް ފެނުމުގައި އެމީހުންގެ އުމުރާ އަދި ހަށިގަނޑުގެ ދިފާއީ ބާރު މުހިއްމު ދައުރެއް އަދާ ކުރާކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.
މީގެއިތުރުން ވައިގެ ތެތްކަން ބޮޑު ހޫނު ގަދަ ސަރަހައްދުތަކުގައި ކޮވިޑް-19 ވައިރަސް ބަލިކަށިކަމާއި ވައިގެ ތެތްކަން ކުޑަ ފިނިގަދަ ސަރަހައްދުތަކުގައި އެވައިރަސް އިންސާނުން ހަމަލާދޭ މިންވަރު މާވަރުގަދަކަން ފާހަގަ ކުރެވިފައިވާކަމަށް ބައެއް ޑޮކްޓަރުން ވިދާޅުވެފައިވެއެވެ. (ޒިންހުވާ + ނޫސްއެޖެންސީތައް)