ކޮވިޑް-19 ޖެހިފަިއވާ 30 މީހަކު މިއަދު ރާއްޖެއިން ފެނިފައިވާ ކަމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފި އެވެ.

މިއީ އެޗްޕީއޭއިން އިއްޔެ ހާމަކުރި ޕޮޒިޓިވް ކޭސްތަކުގެ އަޅާބަލާއިރު، 30.2 ޕަސެންޓް ދަށް އަދަދެކެވެ. އިއްޔެ ރާއްޖެއިން ފެނިފައިވާ ކަމަށް ރިޕޯޓްކޮށްފައި ވަނީ 43 ކޭސް އެވެ.

އެޗްޕީއޭއިން މިއަދު ހާމަކުރި ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި ހިމެނެނީ، 14 ދިވެހިންނާއި 10 ބަންގްލަދޭޝް މީހުން އަދި އިންޑިއާގެ ހަ މީހެކެވެ.

މިއާ ކޭސްތަކާ އެކު ރާއްޖެއިން ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު މި ވަނީ، 1،216 އަށް އަރައިފަ އެވެ.

ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 434 ދިވެހީންނާއި، ބަންގްލަދޭޝްގެ 622 މީހުންނާއި، އިންޑިއާގެ 118 މީހަކާއި، ނޭޕާލް 16 މީހުންގެ އިިތުރުން، ލަންކާގެ ހަ މީހަކާއި ޕާކިސްތާންގެ ތިން މީހުން ހިމެނެއެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް މީހުންގެ އަދަދު 1،216 އަށް އަރާފައިވާއިރު، 91 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ. އަދި ހަތަރު މީހަކު ވަނީ ބަލީގައިި މަރުވެފައެވެ.

ރާއްޖޭގައި ނޭނގި، ކޮވިޑް19 ޖެހުމަށްފަހު ރަނގަޅުވި މީހުންގެ އަދަދު ބެލުމަށްޓަކައި މިހާރު އަންނަނީ ޓެސްޓުކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ސާމްޕަލް ނަގަމުންދަނީ ބިދޭސީން ތޮއްޖެހިފައި ތިބި ތަންތަނުންނެވެ.

މި މަހުގެ 31 ވަނަ ދުވަހު ރާއްޖެ ކޮވިޑް19 ސާޖަކަށް ދާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި އެދުވަހު ރާއްޖޭގައި ވައިރަހަށް ޕޮޒިޓިވް 6000 އަށް ވުރެ ގިނަ މީހުން ތިބޭނެ ކަމަށާއި، ހޮސްޕިޓަލްތަކަށް ބާރުބޮޑުވާނެ ކަމަށް ވެސް ވަނީ އަންދާޒާކޮށްފައެވެ.

ނަމަވެސް އާންމުންގެ އެއްބާރުލުން ލިބި، ފުރަބަންދުގެ ކަންތައްތައް ރަނގަޅަށް ތަންފީޒުވަމުން ދާނަމަ، މާލެ ސަރަހައްދުގައި މިހާރު އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން، ލުއިތަކެއް ދިނުމަށް ވިސްނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ވިދާޅުވެފައެވެ.

މިހާރު އިއުލާންކޮށްފައިވާ 14 ދުވަހުގެ ފުރަބަންދުގެ މުއްދަތު ހަމަވަނީ މި މަހުގެ 28 ވަނަ ދުވަހަށެވެ.