21 May 2020, 14:36
ތ. ގުރައިދޫގައި ރޭ ތޫނު އެއްޗަކުން ހަމަލާދީ ބަންގްލަދޭޝްގެ މީހަކު މަރާލި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ރޭ ގުރައިދޫގައި މަރާލާފައި އޮއްވާ ފެނުނީ، އެރަށުގައި ދަނޑުވެރިކަން ކުރަން އުޅޭ ބަންގްލަދޭޝްގެ ފިރިހެނެކެވެ. އެމީހާ މަރާލާފައި އެއްލާލާފައި ވަނީ އޭނާ ދިރިއުޅޭ ސައިޓުގެ ކުރިމަތީގައި ހުރި އެހެން ސައިޓެއްގެ ތެރެއަށެވެ. އޭނާ މަރާލާފައި ވަނީ ކަރަށާއި ބަނޑަށް ހަމަލާދީގެންނެވެ.
އެ މަރާ ގުޅިގެން ރޭ ފުލުހުން ގުރައިދޫގައި ބިދޭސީން ދިރިއުޅޭ ތަންތަން ބަލަން ފެށި އެވެ. އެހެން ބަލަމުން ދިޔުމުގެ ތެރޭގައި އަނިޔާވެފައިވާ އެހެން ބިދޭސީއަކުވެސް ފެނިފައިވެ އެވެ.
އެ ބިދޭސީ މީހާއާ އެކު އިތުރު ދެ ބިދޭސީއަކު އޭނާ ދިރިއުޅޭ ކޮޓަރިން ފެނުނު ކަމަށާއި، ފުލުހުން އެ ކޮޓަރިއަށް ވަން އިރު އެ އެންމެވެސް އުޅުނީ ނިދަން ކަމަށް މީގެ ކުރިން ގުރައިދޫ ކައުންސިލުގެ މެމްބަރު، ނައުފަލް ހަސަން "ސަން"އަށް ވަނީ ވިދާޅުވެފަ އެވެ. އަދި ޒަހަމް ވެފައިވާ ބިދޭސީ މީހާ އޭރު ޑޮކްޓަރަށް ދެއްކުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ވެސް ނައުފަލް ވިދާޅުވި އެވެ.
ޒަހަމްވެފައިވާ ބިދޭސީމީހާއަށް ބައެއް މީހުން ޝައްކު ކުރާާއިރު، ފުލުހުން މިއަދު "ސަން"އަށް ބުނީ އަދި މިހާތަނަށް ރޭގެ މަރާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
ގުރައިދޫ ކައްންސިލުގެ ނައިބު ރައީސް ތައުފީގު އަލީ މިއަދު ހެނދުނު "ސަން"އަށް ވިދާޅުވީ، އަނިޔާވެފައި ހުއްޓާ ފެނުނު ބިދޭސީ މީހާގެ ބޮލަށް ޒަހަމްތަކެއް ލިބިފައި ހުރި ކަމަށެވެ. އަދި ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލަށް އޭނާ ގެންގޮސް ފަރުވާ ދީފައިވާ ކަމަށް ތައުފީގު ވިދާޅުވި އެވެ.
ރޭ މަރާލި ބިދޭސީ މީހާ ދިރިއުޅެމުން ދިޔައީ އޭނާ މަސަައްކަތް ކުރާ ސައިޓުގަ އެވެ. އޭނާ ރޭ ނިދަން ދިޔައީ އޭނާގެ ބޮޑުމީހާގެ ފިހާރައިގައި މަސައްކަތް ކޮށްފައި ރޭ 11:00 އެހާކަންހާއިރެވެ.
މިހާރު ފުލުހުން ދަނީ އެ ބަންގްލަދޭޝް މީހާގެ މަރު ތަހުގީގު ކުރުމަށް ގުރައިދޫގައި ހަރަކާތްތެރިވަމުންނެވެ. އަދި ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ދީފައި ނުވެ އެވެ.