26 Dec 2011, 17:13
މިއަދު ފާސްކުރި 2012 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ލޯކަލް ކައުންސިލްތަކަށް ދިނުމަށް ކަނޑައެޅި 300 މިލިޔަން ރުފިޔާ ދިނުމަކީ ސަރުކާރަށް ވަރަށް ދަތިވާނެ ކަމެއް ކަމަށް، ވެރިކަން ކުރާ އެމްޑީޕީ އިން ބުނެފި އެވެ.
ބަޖެޓް ފާސްކުރުމަށް ފަހު އެމްޑީޕީގެ އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަދައްކަވަމުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް އަހުމަދު ސަމީރު ވިދާޅުވީ ލޯކަލް ކައުންސިލްތަކަށް ދިނުމަށް ބަޖެޓްގައި ހިމެނި 300 މިލިޔަން ރުފިޔާ ސަރުކާރުން ބޭނުން އައިޓަމަކުން އުނިކޮށްގެން ނަގަން އޮތުމަކީ ފިނޭންސް މިނިސްޓްރީ އަށް ވަރަށް ދަތިވާނެ ކަމެއް ކަމަށެވެ.
"އެ ފައިސާ އުނިކުރަންވީ ކޮންތަނަކުން ކަމެއް ބަޔާން ނުކޮށް އެ ފައިސާ ދޭން ކަނޑައެޅީމާ ވަރަށް ދަތިވާނެ. ދެން އެ ފައިސާ ނުދެވިގެން އަނެއްކާ ޖެހޭނީ ފޮރިން މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅައި، ފައިސާ ނުލިބިގެން ކޯޓަށް ގޮސް، މިކަހަލަ ކަންތައްތައް ކުރަން." ސަމީރު ވިދާޅުވި އެވެ.
ސަމީރު އަދި ވިދާޅުވީ ބަޖެޓަށް ހުށައެޅި އެހެން އިސްލާހެއް ކަމަށްވާ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދޭ އިނާޔަތަށް 300 ރުފިޔާ އިތުރުކުރުމަށް ހުށައެޅި އިސްލާހަށް އެމްޑީޕީން ވޯޓް ނުދިނީ އިނާޔަތްތައް ބޮޑުކުރަން ޖެހެނީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ގަބޫލުނުކުރާތީ ކަމަށެވެ. އަދި އެކަން ބަޖެޓްގައި ނުހިމެނި ނަމަވެސް އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތް ބޮޑުކުރުމަށް ހެލްތު މިނިސްޓްރީން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ބަޖެޓް މުޅިން ފުނޑުފުނޑުކޮށްލާ ފަދަ އިސްލާހުތަކެއް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހުށައެޅުއްވި ކަމަށާއި އެހެން ނަމަވެސް ރިޔާސަތުން އެ އިސްލާހުތައް ބަލައި ނުގަތީ އެއީ ގާނޫނުތަކާ ހިލާފަށް ހުށައެޅި އިސްލާހުތަކަކަށް ވާތީ ކަމަށެވެ. އަދި ވިދާޅުވީ އެކަމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.