ޖެނީވާ (މެއި 21): ދުނިޔެއިން 106،000 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ކަމަށް އިއްޔެ ރިޕޯޓުކޮށްފައިވާ ކަމަށާއި އެއީ އެއް ދުވަސް ތެރޭ އެހާވަރަށް ގިނަ ކޭސްތައް ފެނުނު ފުރަތަމަ ފަހަރު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފި އެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔެސަސް އެފަދައިން ވިދާޅުވެފައިވާ އިރު، މިހާތަނަށް ދުނިޔެއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ ފަސް މިލިއަނަށް އަރާފަ އެވެ.

"ފާއިތުވި 24 ގަޑި އިރު ތެރޭ ޑަބްލިޔުއެޗްއޯއަށް ވަނީ 106،000 ކޭސް ރިޕޯޓުކޮށްފަ. އެއީ ބަލިމަޑުކަން ފެށުނު ފަހުން އެއް ދުވަސް ތެރޭ އެހާވަރަށް ގިނަ ކޭސް ފެނުނު ފުރަތަމަ ދުވަސް،" އިއްޔެ ޑަބްލިޔުއެޗްއޯއިން ބޭއްވި ނޫސް ކޮންފަރެންސްގައި ޓެޑްރޮސް ވިދާޅުވި އެވެ.

އިއްޔެ ރިޕޯޓު ކުރި ވައިރަހުގެ ކޭސްތަކުގެ ތެރެއިން ތިންބައިކުޅަ ދެބައި ކޭސްތައް ފެނިފައި ވަނީ ހަތަރު ގައުމަކުން ކަމަށް ޓެޑްރޮސް ފާހަގަ ކުރެއްވި އެވެ. ނަމަވެސް އެއީ ކޮން ގައުމުތަކެއްކަން އޭނާ ހާމަ ނުކުރައްވަ އެވެ.

މިހާރު ދުނިޔެއިން އެންމެ ގިނަ އަދަދަކަށް ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ އެމެރިކާ، ރަޝިއާ، ބްރެޒިލް އަދި އިނގިރޭސިވިލާތުގަ އެވެ. އޭގެ ތެރެއިން އެމެރިކާގައި 1.5 މިލިއަން މީހުން ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 93،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ވައިރަސް ޓްރެކާއިން ދައްކާ ގޮތުގައި މިހާރު ދުނިޔޭގެ 188 ގައުމަކާއި ޓެރިރަޓަރީއަށް ފެތުރިފައިވާ ކޮރޯނާވައިރަހަށް މިހާތަނަށް 5,000,561 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 1,899,675 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، ބަލީގައި 328,191 މީހަކު ވަނީ މަރުވެފަ އެވެ.

ނަމަވެސް ކަމާ ބެހޭ މާހިރުން ވަނީ އެކި ގައުމުތަކުގައި ޓެސްޓު ކުރާ މިންވަރު ތަފާތުވުމުން އަސްލު ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު ރިޕޯޓުކޮށްފައިވާ މިންވަރަށް ވުރެ އިތުރު ވާނެ ކަމަށް ބުނެފަ އެވެ.