ކުރީގެ ކޮންޓްރޯލާ އިލްޔާސް ހުސެއިން އިބްރާހިމް އެ ޑިޕާޓްމަންޓްގެ ކުރީގެ ޑިޕިއުޓީ ސްޓޭޓް މިނިސްޓަރު އާދަމް ނަސީރުގެ އަބުރަށް އަރައިގެންފައިވާކަން ޝަރީއަތަށް ސާބިތުވެ، ދައްކަން ޖެހިފައިވާ 3500ރ. ހުކުމާއި އެއްގޮތަށް ދައްކާފައި ނުވާތީ އެ ފައިސާ ހޯދަން އާދަމް ނަސީރު ދައުވާ ކޮށްފި އެވެ.

އާދަމް ނަސީރު މިހާރު ހުންނަވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ރަޖިސްޓްރާ ޖެނެރަލް އޮފް ޝިޕިންގެ މަގާމުގަ އެވެ. އިލްޔާސް ހުންނަވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު ހިންގެވުމަށެވެ.

މި އަހަރުގެ މާޗް މަހުގެ 15 ގައި ސިވިލް ކޯޓްގެ ގާޒީ މަރިޔަމް ނިހާޔަތު ކުރެއްވި ހުކުމްގައި ވަނީ އަބުރާ ބެހުމުގެ ސަބަބުން ލިބުނު މާނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުން އިލްޔާސް 3500ރ. ހަތް ދުވަހުގެ ތެރޭގައި އާދަމް ނަސީރަށް ދެއްކުމަށެވެ.

އާދަމް ނަސީރު ކޮށްފައިވާ ދައުވާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިއަދު 10:00 އަށް ސިވިލް ކޯޓުގައި ޝެޑިއުލް ކުރި ނަމަވެސް އިލްޔާސް ހާޒިރުވެވަޑައި ނުގަންނަވާތީ މި މައްސަލައިގެ ޝަރީއަތް ވަނީ ކެންސަލް ކޮށްފަ އެވެ.

މި މައްސަލައިގެ އަޑު އެހުން ކެންސަލްކޮށް އިލްޔާސް މިހާރު ދިރިއުޅުއްވާ ތަނެއް ސާފުކުރުމަށް ފަހު ލިޔުމަކުން އެކަން ހަތް ދުވަސް ތެރޭ އެންގުމަށް ވެސް ސިވިލް ކޯޓުން ވަނީ އާދަމް ނަސީރަށް އަންގާފަ އެވެ.

ސިވިލް ކޯޓުން އާދަމް ނަސީރަށް ފޮނުވި ލިޔުމުގައި ބުނަނީ އާދަމް ނަސީރުގެ ދައުވާ ފޯމްގައި އިލްޔާސް ދިރިއުޅުއްވާ އެޑްރެހަކަށް މ. ޖަވާހިރުވާދީ ޖަހާފައި އޮތްނަމަވެސް އެގޭގައި އިލްޔާސް ނޫޅުއްވާ ކަމަށް ކޯޓަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އާދަމް ނަސީރު މިއަދު ވިދާޅުވީ އެ ފައިސާ ދައްކާފައިވާ ކަމަށް ބުނެ އިލްޔާސް މީޑިއާގައި ދޮގު ވާހަކަތައް ދައްކަވާ ކަމަށެވެ.

އިލްޔާސްގެ ބަހެއް ހޯދަން ގުޅުމުން ފޯން ނިއްވާލާފައި ވާތީ އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.