އަންނަ މަހުން ފެށިގެން ކޮންމެ ރައްޔިތަކަށް ވެސް ހިލޭ ދޭ، ސަރުކާރުގެ ހެލްތު އިންޝުއަރެންސް ޕްރޮގްރާމް، އާސަންދަގެ ހިދުމަތް ފެއްޓެން ކައިރިވުމާ އެކު އައިޑެންޓިޓީ ކާޑް ހެއްދުމުގެ މަސައްކަތަށް ބާރުބޮޑުވެއްޖެ އެވެ.

މިއަދު ހެނދުނު ސަންގެ ނޫސްވެރިން ނޭޝަނަލް ރަޖިސްޓްރޭޝަނަށް ދިޔަ އިރު އެ ތަން އޮތީ މީހުނުން ތޮއްޖެހިފަ އެވެ.

ނޭޝަނަލް ރަޖިސްޓްރޭޝަންގެ ޑިރެކްޓަރު ފަރީދާ ޔޫސުފް މިއަދު ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް އައީޑީ ކާޑު ހެދުމަށް މިދުވަސްވަރު ބާރުބޮޑުވެފައި ވަނީ އިންޝުއަރެންސް ހިދުމަތް ހޯދުމަށް މުއްދަތު ހަމަނުވާ އައިޑެންޓިޓީ ކާޑެއް އޮންނަން ޖެހޭ ކަމަށް އާސަންދައިން ބުނެފައިވާތީ ކަމަށެވެ.

އައިޑީކާޑު ހައްދަންދާ މީހުނަށް ކޮންމެ ދުވަހަކު 250 ނަންބަރު ދޫކުރާ އިރު އެއިން ނަންބަރެއް ލިބޭތޯ ހެނދުނު 7 ނުޖަހަނީސް ދަނީ ކިޔުގައި ޖެހެމުންނެވެ. އެގޮތުން މިއަދު 7:30 ގައި ނަންބަރު ލިބޭތޯ ކިޔުގައި ޖެހުނު މީހެއްގެ ޝަކުވާ ސަން އަށް ކިޔާދެމުން ބުނީ އޭނާ ކިޔުގައި ހުއްޓާ ފަހުން އައިބަޔަކަށް ނަންބަރު ދޫކޮށްފައިވާ ކަމަށެވެ.

ފަރީދާ ވިދާޅުވީ އާދައިގެ މަތިން މިހާރު ވެސް 250 ނަންބަރު އާންމުންނަށް އަދި ބަލި މީހުނަށާއި ކުޑަ ކުދިނަށް 100 ނަންބަރު ކޮންމެ ދުވަހަކު ވެސް ދޫކުރަމުންދާ ކަމަށެވެ. އަދި މިއަދުވެސް 8:30 ވީއިރު ނަނަބަރު ހުސްވެފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި މި ވަގުތު ވަސީލަތް ހުރި ގޮތުން ކޮންމެ ދުވަހަކު ވެސް ޙިދުމަތްދޭ މީހުންގެ އަދަދު އިތުރު ކުރެވެން ނެތް ނަމަވެސް ކިއު ހެދުމަށް ދިމާވާ މައްސަލަތަކަށް ހައްލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.