ބޭސް ފަދަ ތަކެތި އުފެއްދުމަށް މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޖޯންސަން އެންޑް ޖޯންސަންގެ އެންމެ މަގުބޫލު އަދި އެންމެ ގިނަ ދުވަސްވީ އެ ޕްރޮޑަކްޓު ކަމަށްބާ ބޭބީ ޕައުޑާ އުފެއްދުން ހުއްޓާލުމަށް އެކުންފުނިން ނިންމައިފި އެވެ.

ފުޅީގައި ހުންނަ ޓެލްކް ބޭބީ ޕައުޑާއަކީ ޖޯންސަން އެންޑް ޖޯންސަންގެ އެންމެ މަގުބޫލު އަދި އެންމެ ގިނަ ބަޔަކަށް އެނގޭ ޕްރޮޑަކްޓެވެ. އެ ޕްރޮޑަކްޓަކީ ގަރުނަކަށްވުރެ ގިނަ ދުވަސް ވަންދެއް ވިއްކަމުން ގެންދިޔަ ޕްރޮޑަކްޓެކެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ގިނަ ގައުމުތަކެއް ބަންދުކޮށްފައިވި ނަމަވެސް އެ ޕްރޮޑަކްޓުގެ ޑިމާންޑު ވަރަށް ބޮޑު ކަމަށް ޖޯންސަން އެންޑް ޖޯންސަން އިން ބުނެއެވެ. ހާއްސަކޮށް އެމެރިކާ އާއި ކެނެޑާގައި އެ ޕްރޮޑަކްޓުގެ ޑިމާންޑު އިންތިހާއަށް ބޮޑެވެ.

އެކުންފުނިން އެ ޕްރޮޑަކްޓު ހުއްޓާލުމަށް ނިންމާފައިވާ ސީދާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ފާއިތުވި އަހަރުތަކުގައި އެކުންފުނީގެ ބޭބީ ޕައުޑާ އާ ދެކޮޅަށް އެތައް ހާހަކުން ވަނީ ކޯޓުތަކަށް ކޭސްތަކެއް ހުށަހަޅާފައެވެ.

އެންމެ ފާހަގަކުރެވޭ އެއް މައްސަލައަކީ ބޭބީ ޕައުޑާ އާންމުކޮށް ބޭނުންކުރި އަންހެނަކަށް އޯވަރިއަން ކެންސަރު ޖެހުމަށް މަގުފަހިވި ސަބަބުތަކުގައި އެ ބޭބީ ޕައުޑާ ހިމެނުން ކަމަށް އެ ކޭސްގައި ބުނެ އެވެ. އެ މައްސަލާގައި ކޯޓުން ނިންމީ މައްސަލަ ހުށަހެޅި އަންހެން މީހާގެ ކޮޅަށެވެ. އަދި ކޯޓުން އެ އަންހެން މީހާއަށް 100 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ދިނުމަށް ޖޯންސަން އެންޑް ޖޯންސަން އަށް އެންގި އެވެ.

އެކުންފުނިން ބުނެފައިވަނީ، މިހާރު އެކުންފުނީގެ އިންވެންޓްރީގައި ހުރި ބޭބީ ޕައުޑާ ވިއްކާލާނެ ކަމަށެވެ. އެހެންނަމަވެސް އެއަށް ފަހު އެ ޕްރޮޑަކްޓު އުފެއްދުން ހުއްޓާލާނެ ކަމަށް އެކުންފުނީން ބުންޏެވެ.