ދެ މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު އަންނަ ހަފުތާގެ ތެރޭގައި އިންޑިއާގެ އެތެރޭގެ އުދުހުންތައް ފެށުމައް ތައްޔާރުވެފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.

ކޮރޯނާ ވައިރަހުގެ ނުރައްކާ އިންތިހާއަށް ބޮޑުވެ ގިނަބަޔަކު އެ ބައްޔަށް ޕޮޒިޓިވްވެދާނެ ކަމުގެ ބިރާ އެކު އިންޑިއާއިން އެގައުމުގެ ހުރިހާ އުދުހުންތައް މެދުކަނޑާލީ މާޗް މަހުގެ 25 ވަނަ ދުވަހު އެވެ. އެއަށްފަހު އެގައުމުގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ ފްލައިޓްތައް ހުއްޓާލާފައި އޮންނަތާ ދެމަސްވީ އިރު އަންނަ ހަފުތާގެ ތެރޭގައި އަލުން އަނބުރާ އެތެރޭގެ އުދުހުންތައް ފެށޭވަރުވާނެ ކަމަށް އިދާރާތަކުން ވަނީ ހާމަކޮށްފަ އެވެ.

އަދި އެގައުމުގެ މުނިފޫހިފިލުވުމުގެ ދާއިރާ ބޮލީވޫޑްގެ ޝޯތަކާއި، ޝޫޓްތައް އަލުން ފަށުމުގެ ހުއްދަ ވެސް އަންނަ ހަފުތާގައި ދިނުމަށް އިންޑިއާގެ ސަރުކާރުން ވަނީ ނިންމާފަ އެވެ.

އިންޑިއާގައި ކޮރޯނާގެ ގިނަ ޕޮޒިޓިވް ކޭސްތަކެއް ފެނި ޕީކް އަކަށް މިހާރު ގޮސް ނިމިއްޖެ ކަމަށް އެގައުމުގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މާހިރުން ވަނީ ބުނެފަ އެވެ. އެހެން ކަމުން އެގައުމުގައި އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތަކަށް މިހާރު ވަނީ މަޑު މަޑުން ދޫދޭން ފަށައިފަ އެވެ.

އިންޑިއާގައި މިހާތަނަށް 106,750 މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު މިއަދު އެކަނި ވެސް 5،600 މީހުންނަށް ވަނީ އެބަލި ޖެހިފަ އެވެ. އަދި ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި އެބަލީގައި 140 މީހަކު ވަނީ މަރުވެފަ އެވެ.

އެގައުމުގެ ހެލްތް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ލާވް އަގަރްވާލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްްގައި ވާހަކަ ވިދާޅުވީ އެގައުމު ފުރަބަންދުގައި އޮތުމުގެ ސަބަބުން ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށް ރަނގަޅު އަސަރެއް ކުރި ކަމަށެވެ. އަދި މިހާރު އެގައުމުގައި ބަލި ޖެހިގެން ފަރުވާ ދެމުން ދަނީ 61,149 މީހުންނަށް ކަމަށާއި އަދި މިހާތަނަށް 42,298 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުރަބަންދުގެ ކުރިން އެގައުމުގައި ބަލި ޖެހުނު މީހުންގެ ތެރެއިން ބަލިން ފަސޭހަވެފައި ވަނީ 7.1 ޕަސެންޓް މީހުންނެވެ. އެކަމަކު މިހާރު އެ އިންސައްތަ 39.62 ޕަސެންޓަށް އަށް އިތުރުވެފައިވާ ކަން ވެސް ލާވް ވަނީ ފާހަގަ ކުރައްވައިފަ އެވެ.