21 May 2020, 09:41
ކެބްރިޖް ޔުނިވާސިޓީގެ ހުރިހާ ފިލާވަޅުތަކެއް އޮންލައިންކޮށް އަންނަ އަހަރު ހޫނު މޫސުމާ ހަމައަށް ގެންދަން އެ ޔުނިވާސިޓީއިން ނިންމައިފި އެވެ.
އެހެން ނަމަވެސް ގައިދުރުވެ ތިބޭގޮތުން ކުދި ކުދި ގްރޫޕްތަކާއެކު ކޮންމެވެސް ވަރަކަށް ކިޔަވައިދިނުމުގެ ކަންތައް މަދުމަދުން ކުރިއަށްގެންދެވިދާނެ ކަމަށް ވަނީ ބުނެފަ އެވެ.
އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި ނަމަވެސް ގައިދުރުވުމުގެ ކަންތައްތަކަށް ބަދަލު އައިސްފިނަމަ އެ ނިންމުން ބަދަލުކުރާނެކަމަށް ޔުނިވާސިޓީން ވަނީ ބުނެފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ކެމްބްރިޖް ޔުނިވާސިޓީގެ އެކި ކެމްޕަސްތަކުގެ ކިޔެވުން ކްލާސްތަކުގައި އޮތީ މެދުކަނޑާލައިފައެވެ. އަދި މާޗް މަހުން ފެށިގެން ކްލާސްތައް އޮންލައިންކޮށް ނަގައިދެމުންދިޔައިރު އިމްތިހާންތައް ކުރިއަށް ގެންދަނީ "ވާޗުއަލް" ކޮށެވެެ.
"މި ބަލިމަޑުކަމުގައި އަމަލުކުރަން ކަނޑައަޅާފައިވާ އިރުޝާދާ އެއްގޮތަށް އެކިފަހަރު މަތިން މިދަނީ ބަދަލުތައް ގެންނަމުން. އަދި ކުރިއަށް އޮތް ތަނުގައިވެސް ގެންނާނެ" ކެމްބްރިޖްގެ ބަޔާނުގައި ވެއެވެ.
އޮންލައިންކޮށް ކިޔަވައިދޭން ކުރިއަށް ގެންދަން ނިންމިއިރު އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނިވާސިޓީއިންވެސް ވަނީ އަންނަ ޓާމުގައި އޮންލައިންކޮށް ކިޔަވައިދޭން ނިންމައިފަ އެވެ.
އޮންލައިންކޮށް ކިޔަވައިދޭން ނިންމިޔަސް ޓިއުޝަން ފީއަށް ބަދަލު ނުގެންނާނެކަމަށް ވަނީ ބުނެފަ އެވެ.
އިނގިރޭސިވިލާތަކީ ޔޫރަޕްގައި އެންމެ ބޮޑަށް ކޮރޯނާ ވައިރަސް ފެތުރެމުންދިޔަ އެއް ގައުމެވެެ. އެގައުމުން މިހާތަނަށް ކޮރޯނާ ޖެހިފައިވާ 248،000 އަށ ވުރެ ގިނަ މީހުން ފެނިފައިވާއިރު ބަލީގައި 35،704 މީހުން ވަނީި މަރުވެފަ އެވެ. -- ބީބީސީ