26 Dec 2011, 15:32
އާންމު ތަނެއްގައި ބަދުއަޚުލާގީ އަމަލު ހިންގި މީހަކު 15 އެތިފަހަރުން ތައުޒީރުކޮށް ހަ މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
އާންމު ތަނެއްގައި ބަދުއަޚުލާގީ އަމަލު ހިންގި ކަން ޝަރީއަތަށް ސާބިތުވެ 15 އެތިފަހަރުން ތައުޒީރުކޮށް ހަމަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ ޏ. ފުވައްމުލައް، ބޭރެފިށީ މުހައްމަދު މުއުސިމް އެވެ.
މި މައްސަލައިގެ ނިޔާ ކަނޑައެޅުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ މެއި 21 ، 2010 ދުވަހުގެ ރޭ 11:40 އެހާކަންހާއިރު މުއުސިމް ހުޅުމާލޭ ތިން ނަންބަރު ފްލެޓް ކައިރީގައި ހުރެ ބަދުއަޚުލާގީ އަމަލު ހިންގިކަން ހެކިންގެ ހެކި ބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
ގާޒީ ވިދާޅުވީ މިއަދުން ފެށިގެން ތިން އަހަރު ދުވަހުގެ މުއްދަތަށް މިހުކުމް ތަންފީޒު ނޮކޮށް ފަސްކުރުމަށް އަމުރު ކުރައްވާ ކަމަށެވެ.
"އާންމުތަނެއްގައި ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށުން މުހައްމަދު މުއުސިމް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި މިކުށުގެ އުގޫބާތެއްގެ ގޮތުން ބަދުއަޚުލާގީ ކުށާއި ޒިނޭގެ ކުށުގެ އަދަބު އާއި ބެހޭ ގަވާއިދުގެ އެއްވަނަ މާއްދާގެ (ށ) ގެ ދަށުން ޏ.ފުވައްމުލައް، ބޭރެފިށީ މުހައްމަދު މުއުސިމް 15 އެތިފަހަރުން ތައުޒީރުކުރުމާއި އެކު ހަމަސް ދުވަހުގެ މުއްދަތަށް އަރުވާލުމަށް ހުކުމްކޮށް، ޝަރީއަތް ކުރުމުގެ ގަވާއިދުގެ 292 ވަނަ މާއްދާގެ ދެވަނަ ނަންބަރުގެ ދަށުން މިހުކުމް މިއަދުން ފެށިގެން ތިން އަހަރު ދުވަހުގެ މުއްދަތަށް ތަންފީޒު ނޮކޮށް ފަސްކުރުމަށް އަމުރުކޮށް މި ގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.