އަންނަ ޖުލައި މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބައިނަލްއަގުވާމީ ފްލައިޓްތަކަށް ހުޅުވާލާނެކަމުގެ އިޝާރާތެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވައިފިއެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖެއަށް އޮން އެރައިވަލް ވިސާ ދިނުން މިދިޔަ މާޗް 27 ގެ ފަހުން އޮތީ ހުއްޓާލައިފައެެވެ. އަދި އޭގެ ފަހުން ރާއްޖެ އައިސްފައިވަނީ ކޮންމެހެން މުހިންމު ފްލައިޓްތަކެކެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅޭ ގޮތުން މިރޭ ގައުމާ މުހާތަބު ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ މިހާރު އިއުލާންކޮށްފައިވާ ފުރަބަންދުގެ މުއްދަތު ނިމުމުން ލުއިދޭން ނިންމާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި މީހުން ގެއިންބޭރަށް ނިކުތުމާއި، ސްކޫލްތަކުގައި ކިޔަވައިދިނުމާއި މިސްކިތްތައް ހުޅުވަން އަދި ސަރުކާރުގެ އޮފީސްތަކާއި އާންމު އޮފީސްތައް ހުޅުވުން ވަކި އިންތިޒާމްތަކެއްގެ ދަށުން ކުރިއަށްގެން ދިއުން ހިމެނެއެވެ.

"މި ދެންނެވި ލުއިތަކާއެކު، ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު އިތުރަށް ގޯސްނުވެ، ރަނގަޅަށް ދާނަމަ، އިރާދަކުރެއްވިއްޔާ އަންނަ ޖުލައި މަހުގެ ތެރޭގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ބައިނަލްއަގުވާމީ ދަތުރުތަކަށް ހުޅުވާލަން މިހާރު ވަނީ ނިންމާފައި. އޭގެ އިތުރުން، ރިޒޯޓްތައް ހުޅުވުމުގެ ހުއްދަ ދެވޭނެ. މިކަންކަން ކުރާނެ ގޮތުގެ ގައިޑްލައިންތައް، ކަމާ ބެހޭ ދާއިރާތަކުގެ އިރުޝާދާއެކު މިހާރު އަންނަނީ ކަނޑައަޅަމުން،" ރައީސް ވިދާޅުވިއެވެ.

އަލުން ރާއްޖެ ފަތުރުވެރިކަމަށް ހުޅުވާލާއިރު ސަރުކާރުން މިހާރު ރާވާފައި އޮތީ "ސޭފް ޓުއަރިޒަމް" ޕްލޭންއެއްގެ ދަށުން އެކަން ކުރިއަށްގެންދިއުމަށެވެ.

އެގޮތުން އެކަމަށްޓަކައި ،"ސޭފް ޓޫރިޒަމް ރިސޯޓު ލައިސަންސް" އެއް ދޫކުރުމާއި ރާއްޖެ އަންނަތަނުން ހުރިހާ ޓޫރިސްޓުން ވައިރަހަށް ޓެސްޓް ކުރާ ގޮތަށް ހަމަޖެއްސުމަށް އުސޫލެއް ހެދުމަށް މިހާރު ޑްރާފްޓެއްވެސް ވަނީ އެކުލަވާލައިފައެވެ. އަދި އެކަމަށްޓަކައި ހިޔާލު ހޯދުމަށްވެސް މިހާރު ވަނީ ހުޅުވާލައިފައެވެ.