ރިސޯޓުތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުން ދައުލަތަށް ދައްކަން ޖެހޭ ހަ މަސް ދުވަހުގެ ބިމު ކުލި ދެއްކުން ފަސްކޮށް ދޭން ނިންމައިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިކަން ރައީސް ސޯލިހް ހާމަކުރެއްވީ މިރޭ ގައުމާ މުހާތަބު ކުރައްވާ ދެއްވި ޚިތޯބުގަ އެވެ.

ރައީސް ވިދާޅުވީ، ކޮވިޑް-19އާއެކު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އިސް ޒިންމާއެއް ކަމަށެވެ.

އެގޮތުން ރައީސް ވިދާޅުވީ، މި އަހަރުގެ ފަހު ހަ މަސް ދުވަހު ރިސޯޓްތަކުން ދައުލަތަށް ދައްކަން ޖެހޭ ކުލި ލަސްކޮށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުން ކުރިއަށް އޮތް ހަ މަސްދުވަހުގެ ކުލި ދެއްކުން ލަސްކޮށް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ސަރުކާރުން މިހާރު ނިންމާފައިވަނީ، ރިސޯޓްތަކުގެ މިއަހަރުގެ ފަހު ހަ މަސްދުވަހުގެ، ބިމު ކުލި ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް. އަދި އޭގެ އިތުރުން ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެ ވެސް، ކުރިއަށް އޮތް ހަ މަހުގެ ބިމު ކުލި، ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް ސަރުކާރުން މިހާރު ވާނީ ނިންމާފައި،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓްރީއިން ކުއްޔަށް ދީފައިވާ އެކި ބިންތަކުގެ މަހު ކުލި ދެއްކުން ހަ މަހަށް ފަސްކޮށްދޭން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ވިޔަފާރިތަކަށާއި އެކި އަމިއްލަ ފަރާތްތަކަށް ބޭންކުތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ހަ މަސްދުވަހަށް ފަސްކުރުމަށް ސަރުކާރުން ވަނީ މީގެ ކުރިން ނިންމާފަ އެވެ.

އެ ޕްރޮގްރާމްގެ ދަށުން އެޗްޑީއެފްސީ އާއި އެމްއެފްއެލްސީ އަދި އެސްޑީއެފްސީ އާއި ރާއްޖޭގައި ހިންގާ އަށް ބޭންކުން މިހާރު ބައިވެރިވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިދެންނެވި ތަންތަނުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިހާތަނަށް 15000 އަށްވުރެ ގިނަ ލޯނުގެ މުއްދަތު ވަނީ ފަސްކޮށްދީފަ. އޭގެ ތެރެއިން 83 އިންސައްތަ ލޯނަކީ، އާދެ، 13199 ލޯނަކީ ބީއެމްއެލް އިން ދޫކޮށްފައިވާ ލޯނުތައް،" ރައީސް ވިދާޅުވިއެވެ.

ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލޯނު ހޯދުމަށް ރިސޯޓްތަކާއި އަމިއްލަ ވިޔަފާރިތަކުން ލިބިފައިވާ ހުށަހެޅުންތަކުގެ ތެރެއިން 157 ހުށަހެޅުމަކަށް ލޯނުދޫކުރަން ނިންމައި، އޭގެ ތެރެއިން 98 ވިޔަފާރިއަކަށް މިހާރު ވަނީ ލޯނު ދޫކޮށްފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

އޭގެ އިތުރުން އެސްޑީއެފްސީ މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލޯނު ހޯދުމަށް ލިބުނު ހުށަހެޅުންތަކުގެ ތެރެއިން، 396 ވިޔަފާރިއަކަށާއި އަމިއްލަ މަސައްކަތްކުރާ 134 މީހަކަށް ލޯނު ދޫކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކޮވިޑް19ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ މީހުންނަށް ތިން މަސްވަންދެން 5،000 ރުފިޔާ ދިނުމަށް ސަރުކާރުން ވަނީ މީގެ ކުރިން ނިންމަވާފައެވެ. އެ ފަރާތްތަކަށް ވެސް މިހާރު ފައިސާ ދޫކުުރަން ފަށާފައިވާ ކަމަށެވެ.