ކުރިއަށް އޮތް ދުވަސްތަކުގައި މިހާރު އަޅާފައި ހުރި ހަރުކަށި ފިޔަވަޅުތަކަށް ލުއިދޭން ޖެހޭ ކަމަށާއި އެކަން ކުރާނީ ވަރަށް ވިސްނައިގެން ފަރުވާތެރި ކަމާ އެކުގައި ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

"ސަން"އަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު އަމީން ވިދާޅުވީ، މާލެއިން ކޮވިޑް-19 ގެ ކޭހެއް ފެނުމާ އެކު ފުރަތަމަ ހެދި އަންދާޒާތަކުގައި ލަފާކުރެވުނީ މި މަހުގެ މެދެއްހާ ހިސާބުގައި ޕީކްއަށް ދާނެ ކަމަށާއި އޭރުގެ އަދަދުތައް ހުރީ ވަރަށް މަތީގައި ކަމަށެވެ. އަދި އެ އަދަދުތަކަށް ބަަލައިގެން އެޅި ފިޔަވަޅުތަކަށް ފަހު، ހާލަތަށް އައި ބަދަލާ އެކު އަންދާޒާތައް ރިވިއުކުރި އިރު އަދަދުތައް ދަށްވެ، ޕީކް އަންނާނެ ކަމަށް ބެލެވުނީ މި މަހުގެ ފަހު ހަފްތާގައި ކަމަށެވެ. އަދި ފުރަބަންދުގެ ފިޔަވަޅުތަކާއި އެކަންކަމަށް އާންމުން އަމަލުކުރިލެއް ބޮޑުކަމުން ޕީކްގައި ބަލި ޖެހޭ އަދަދާ ފަރުވާދޭން ޖެހޭ އަދަދު ވަރަށް ބޮޑުތަން ދަށްވެފައި ހުރި ކަމަށެވެ. އެހެން ކަމުން ބަލި ފެތުރޭ މިންވަރު މަޑުޖެއްސި ކޮންޓްރޯލެއް ގެނެވިފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖޭގެ ބަލީގެ ޓްރެންޑް މިހާރު މި ހުރީ ލޮކްޑައުންގެ ސަބަބުން ފެތުރެމުންދާ މިންވަރު ދަށްކުރެވި ބަލި ކުއްލިއަކަށް ފެތުރިގެންދާނެ ކަމަށް ކުރިން ލަފާކުރެވިފައިވާ ލަފާކުރުންތަކާ ތަފާތުކޮށް، ސަބަބަކަށް މި ވަނީ ލޮކްޑައުންގައި ތިބުމާއި ދުރާލާ އެޅި ފިޔަވަޅުތަކުގެ ސަބަބުން ބަލި ފެތުރުން ކޮންޓްރޯލް ވަމުން މިދަނީ. ކުރިން އަންދާޒާ ކުރި ވަރަށް ވުރެ ބާރުމިނުގައި ކުއްލިއަކަށް ބަލި ފެތުރިގެނެއް ނުއެއް ދޭ މިހާރު،" މިނިސްޓަރު ވިދާޅުވި އެވެ.

ފުރަބަންދު ކުރުން ފަދަ ހަރުކަށި ފިޔަވަޅުތަކަކީ ރައްޔިތުންގެ ދިރިއުޅުމަށް އެތައް ދަތިތަކެއް ތަހައްމަލް ކުރަން ޖެހި އެތައް ބައެއްގެ އާމްދަނީ އާއި ވަޒީފާތައް ގެއްލި އަތް މަތި ދަތިވާ ކަމެއް ކަން ގަބޫލު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހުނީ، ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ބަލި މީހުން އިތުރުވެގެން ހިނގައިދާނެތީ އެކަން ކުޑަކޮށް، ސިއްހީ ދާއިރާގެ ކެޕޭސިޓީ ވެސް އިތުރު ކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެން ނަމަވެސް އަބަދު ފުރަބަންދުގައި ނުތިބެވޭނެކަމާ މެދު އެންމެން ވެސް އެއްބަސްވާ ކަމަށާއި ހިފެހެއްޓުންތަކަކާ އެކު ލުއިތަކެއް ދިނުމުގެ ރޭވުންތައް ރާވަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އިގްތިސާދު ބަންދުވެފައި ތިބުމަކީ މިއީ އުނދަގޫކަމެއް. ލުއިތަކެއް އަންނަން ޖެހޭނެ ކަމަށް އަޅުގަނޑުމެން އެންމެންނަށް ވެސް ގަބޫލު ކުރެވޭ. ލުއިތައް އަންނަންވާނީ ނިޒާމުތައް ބޮއްސުންލައިގެން ނުދާ ވަރަކަށް. އަދި ލުއިތައް އަންނަ ވަގުތު ފަރުދީގޮތުން ކުރަން ޖެހޭ ކަންކަމާ މުއައްސަސާތަކާއި ވިޔަފާރިތަކާ އަދި އެކި އޮގަނައިޒޭޝަންތަކުން ވެސް މިހެން އަންނަ ލުއިތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމާ ދޭތެރޭ މިހާރުވެސް ވިސްނަން ޖެހޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ފިޔަވަޅުތަކަށް ލުއި ދޭއިރަށް އެންމެން އެއް ފަަހަރާ މަގުތަކަށް ނިކުމެ މަސްހުނިވެ އުޅެން ފަށައިފި ނަމަ، ރާއްޖެއަށް މިހާރު ހޯދިފައި ހުރި ކުރިއެރުންތައް ސޮއްސާލައިގެން ހިނގައިދާނެ ކަމަށެވެ. އަދި ފިޔަވަޅުތަކަށް ލުއި ދިނުމުން ބަލި ޖެހޭ މީހުންނާއި، އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުން އަދި އައިސީޔޫއަށް ލާން ޖެހޭ މީހުންނަށް ގިނަވާނެ ކަމަށް ލަފާވާ ކަމަށެވެ. އެހެން ކަމުން އެ ނަމްބަރުތަކަށް އަންނާނެ ބަދަލުގެ ދިރާސާތައް މިހާރު ހަދަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސިއްހީ ނިޒާމަށް ކަތާ މިންވަރަކަށް އަޅުގަނޑުމެންނަށް ލޮކްޑައުންއަށް އަދި އެހެން ފިޔަވަޅުތަކަށް ލުއި ދެވޭނީ. އެކަންކަން ޓެކް ޓީމާއި ތަޖުރިބާކާރުން އެ އަންނަނީ މިހާރު ބައްދަލަވަމުން. އެއަށް ފަހު އަޅުގަނޑުމެން ލުއިދޭނޭ މިންވަރަކާ އެއްޗިހި ކަނޑައެޅޭނީ. އެއީ ވަރަށް ފަރުވާތެރި ކަމާ އެކު ކުރާނެ ކަމެއ. ހިފެހެއްޓުމެއް ނެތް ގޮތަކަށް ނޫން ލުއިތަކެއް ދޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ އިގްތިސާދު އެކީ ހުޅުވާލެވޭނީ ވެސް ބަލީގެ އަދަދުތައް ވަކި މިންގަނޑުތަކެއްގައި ބެހެއްޓިގެންކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އެކަމުގެ އަންދާޒާތައް ވެސް، ޓެކްނިކަލް ޓީމްތަކުން މިހާރު ހަދަމުން އަންނަ ކަމަށެވެ. އަދި ގައުމީ ލެވަލްގައި މަޝްވަރާކޮށް ނިންމާނެ ކަންރައްރަކެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިލްތިމާސްކުރެއްވީ، ފުރަބަންދަށް ލުއިތަކެއް ދިން ނަމަވެސް، އާންމުން އޭގެ ނާޖާއިޒު ފައިދާ ނުނެގުމަށެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް ސިއްހީ މާހިރުންގެ ލަފާތައް އަޑުއަހާ ފަރުދީ ޒިންމާ އަދާކުރަން މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ. އެހެން ނޫން ނަމަ، ފިޔަވަޅުތައް ލުއިކުރުން ނުދެމެހެއްޓޭނެކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"ލުއި ދިނުމަކީ ވަރަށް ވިސްނާފައި ކުރާނެ ކަމެއް. އެއީ އާންމުން ފަރުދީ ޒިންމާ އަދާކުރާނެ ވަރާ މިހުރިހާ ކަމަކަށް ބިނާވާނެ ކަމެއް. އެކަންކަމަށް ރިއާޔަތް ނުކޮށް މިހިރަ ފިޔަވަޅުތަކަށް ލުޔެއް ނުދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.