ވޮޝިންޓަން (20 މޭ 2020) : ކޮރޯނާ ވައިރަސް "ކޮވިޑް-19"ގެ ޝިކާރައަކަށް އެންމެ ގިނަ މީހުންވި ގައުމަކަށް އެމެރިކާ ވުމަކީ ލިބުނު ޝަރަފެއް ކަމަށް ވިދާޅުވެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަތަކަށް އެމެރިކާގެ އިދިކޮޅުން ރައްދު ދީފިއެވެ.

ޓްރަމްޕަށް ރައްދު ދެއްވަމުން އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމެރިކާގައި ކޮވިޑް-19 ކޮންޓްރޯލްނުވެ އެމެރިކާގެ ދޮޅު މިލިޔަނަށް ވުރެ ގިނަމީހުން އެ ބަލީގެ ޝިކާރައަކަށް ވުމަކީ ޓްރަމްޕްގެ ލީޑާޝިޕް އެއްކޮށް ފެއިލްވުން ކަމުގައެވެ.

އަދި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ނެޝަނަލް ކޮމިޓީގެ މެންބަރަކު ވަނީ "ކަންކަމުގައި ޒިންމާ ނުއުފުލި ފެއިލްވުމަކީ ޝަރަފެއްކަމަށްވާ ނަމަ އެކަންވަނީ ޓްރަމްޕަށް ޙާސިލް ކުރެވިފައި" ކަމަށް ވިދާޅުވެ ޓްރަމްޕަށް މަލާމާތް ކުރައްވާފައެވެ.

ކޮވިޑް-19ގެ ޝިކާރައަކަށް އެންމެ ގިނަމީހުންވި ގައުމަކަށް އެމެރިކާ ވުމަކީ ލިބުނު "ޝަރަފުގެ ބެޖެއް" ކަމަށް ވިދާޅުވެ ޓްރަމްޕް ވާހަކަ ދެއްކެވުމުން އެމެރިކާގެ އެތެރެއިންވަނީ ބަހުގެ ވަރުގަދަ ޙަމަލާތަކެއް ޓްރަމްޕަށް އަމާޒުވެފައެވެ. ޓްރަމްޕް ވިދާޅުވިގޮތުގައި އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އެހެންގައުމުތަކަށްވުރެ ގިނަވީ އެހެން ގައުމުތަކަށްވުރެ އެ ރޯގާއަށް އެމެރިކާގައި ޓެސްޓް ކުރެވޭވަރު ގިނަވުމުންނެވެ.

ނަމަވެސް ޓްރަމްޕް ގެ މިވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއްކަން އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ކްންގްރެސް ބައެއް މެންބަރުންވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19 އާބެހޭ ތަފާސްހިސާބުތައް ދައްކާގޮތުން ކޮރޯނާވައިރަހަށް ޓެސްޓު ކުރި މިންވަރު އެމެރިކާގައި އަދަދުން ގިނަ ނަމަވެސް އާބާދީގެ ނިސްބަތަށް ބަލާއިރު ކޮވިޑަށް ޓެސްޓް ކުރުމުގައި އެމެރިކާ އުޅެނީ ދުނިޔޭގެ އެތަށް ގައުމަކަށްވުރެ ފަހަތުގައެވެ.

ސްކެންޑެނީވިއާގެ ގައުމުތަކާއި ނިއުޒިލޭންޑާއި ސިންގަޕޫރާއި ދެކުނު ކޮރެއާފަދަ އެތައް ގައުމެއް އުޅެނީ ކޮވިޑް-19 އަށް ޓެސްޓް ކުރުމުގައި އެމެރިކާއަށްވުރެ މާ ކުރީގައެވެ.

ކޮވިޑް-19 ޖެހިގެން އެމެރިކާގައި 93 ހާހަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު މަރުވި އެތަށް ބައެއްގެ ހަށިތައް ކުނި ވެގެން ދިޔައިރު އެމީހުން ވަޅުލުމުގެ އިންތިޒާމު ހަމަނުޖެއްސި އެތަށް ސަރަހައްދަކުން ކަށްވަސް ދުވާތީ މީހުންނަށް ދިރިއުޅެން ދަތިވާ ހިސާބަށްވެސް އެމެރިކާގެ ހާލަތު މީގެ ތިން ހަފްތާ ކުރިން ގޮސްފައިވެއެވެ. މިގޮތުން މަރުވި އެތަށް ބައެއްގެ ހަށިތައް ވަޅުނުލެވި ކުނި ވެގެން މުޅި ނިޔުޔޯކުގައި ކަށްވަސް ހިފިކަން އެމެރިކާގެ މީޑިއާއިންވެސްވަނީ ކަށަވަރުކޮށްދީފައެވެ. (ނޫސްއެެޖެންސީތައް)