އިނގިރޭސިވިލާތުގެ ލަންޑަންގައި ހާލުގައި ޖެހިފައިވާ ދިވެއްސަކަށް ސަރުކާރުން މާލީ އެހީތެރިކަން ނުދިން ކަމަށް ބުނާ ވާހަކަ ފޮރިން މިނިސްޓްރީއިން ދޮގުކޮށްފި އެވެ.

ލަންޑަންގައި މަޑުކުރުމަށްފަހު ޗުއްޓީއަކަށް ކެރިބިއަންގެ ގައުމަކަށް ދަތުރު ކުރަން އުޅުނު ދިވެއްސަކު ހާލުގައި ޖެހުމުން ލަންޑަންގައި ހުންނަ ދިވެހި ހައިކޮމިޝަނުން މާލީ އެހީތެރިކަން ނުދިން ކަމަށް ބުނާ ވާހަކަތަކެއް އިއްޔެ ވަނީ ފެތުރިފައެވެ.

އެ ވާހަކަތައް ފޮރިން މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރު މިއުވާން މުހައްމަދު ވަނީ ދޮގުކުރައްވައިފައެވެ. އެކަން ހިނގައިދިޔަ ގޮތް "ސަން"އަށް ކިޔައިދެމުން މިއުވާން ވިދާޅުވީ، އެ މީހާ އަކީ ލަންކާގައި ދިރިއުޅޭ މީހެއް ކަމަށާއި އޭނާ ލަންޑަނަށް ދިޔައީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ތުރުކީ މަގުން ކަމަށެވެ. އަދި ލަންޑަނަށް ދިޔައީ ޖެމިއިކާއަށް ފުރަން ކަމަށް ވިދާޅުވިއެވެ.

ފަހުން ކޮވިޑް-19އާ ގުޅިގެން އެ މީހާ ޖެމެއިކާއަށް ފުރަން ހަމަޖެހުނު ފްލައިޓު ކެންސަލްވީ ކަމަށާއި އޭނާ ބުނާ ކަމަށާއި ކެންސަލްވެއްޖެނަމަ ޓިކެޓްގެ ރިފަންޑު ލިބޭނެ ކަމަށް އެމީހާއަށް އަންގާފައިވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ. ފްލައިޓު ކެންސަލް ވުމުން ފުރަތަމަ ފަހަރަށް 23 މާޗުގައި ބޭރު ގައުމުތަކުގައި ތާށިވެފައި ތިބި މީހުންނަށް ހައިކޮމިޝަނުން ފޯރުކޮށްދޭ އެހީ ސާފުކުރަން އެ މީހާ ގުޅި ކަމަށް މިއުވާން ވިދާޅުވިއެވެ.

އަދި ފަހުން ގުޅުމުން އޭނާ އަކީ ރެޒިޑެންޓު ވިސާގައި ހުރި މީހަކަށް ނުވުމުން ޔޫކޭއިން ޓިކެޓު ނަގައިގެން ފުރައިގެން ރާއްޖެ އާދެވޭނެކަން ކިޔައިދީ، ހައިކޮމިޝަނުން އޭނާއަށް ބުކް ކުރެވޭނެ ފްލައިޓުތަކުގެ މައުލޫމާތުވެސް ފޮނުވި ކަމަށް މިއުވާން ވިދާޅުވިއެވެ. އެ މައުލޫމާތާއި ފުރުމަށް ހައިކޮމިޝަނުން ދިން ލަފާގެ މަތިން މާޗް 27ގެ ކުރިން ފުރައިގެން ދާނެ ކަމުގެ ޔަގީންކަން އޭނާ ދިން ކަމަށް މިއުވާން ވިދާޅުވިއެވެ.

ނަމަވެސް، އޭނާ މާޗް 27ގެ ކުރިން ޓިކެޓު ނަގައިގެން ރާއްޖެއަށް ނުފުރައެވެ. އޭނާ ހުރީ ލަންޑަންގެ ހޮޓަލެއްގައެވެ. ފަހުން އޭނާ ހައިކޮމިޝަނުގައި ބުނެފައި ވަނީ ފުރަން ނެގި ޓިކެޓު ކެންސަލްވީ ކަމަށެވެ.

އެ ފަހުން ހޮޓަލަށް އަތުގައި ހުރި ހުރިހާ ފައިސާއެއް ހަރަދު ވާތީ 6 މެއިގައި އޭނާ މާލީ އެހީއަށް އެދި ހައިކޮމިޝަނަށް އީމެއިލް ކުރި އެެވެ. އެކަމާ ގުޅިގެން ހައިކޮމިޝަނުން އެދުނީ އޭނާ ފުރަން ނަގައި ކެންސަލްވި ކަމަށް ބުނާ ޓިކެޓު ހައިކޮމިޝަނަށް ފޮނުވާށެވެ. ނަމަވެސް، ޓިކެޓު ޑިލީޓުވީ ކަމަށް ބުނެ އަދިވެސް ޓިކެޓު ފޯރުކޮށްދީފައި ނުވެއެވެ.

މިއުވާން ވިދާޅުވިގޮތުގައި ފަހުން އެ މީހާ ލަންކާއަށް ފުރަން އެހީތެރިކަމަށް އެދުނެވެ. އަދި ލޮކްޑައުންކޮށްފައި އޮތް ލަންކާއަށް ވެއްދުމުގެ ހުއްދައަކަށް އެދި ހައިކޮމިޝަނުގެ ނަމުގައި ސިޓީއެއް ދޭން 8 މެއިގައި އޭނާ އެދުނު ކަމަށް މިއުވާން ވިދާޅުވިއެވެ. ނަމަވެސް، ލަންކާއިން މިހާރު އެންޓްރީ ވިސާ ދޫނުކުރާތީ ސިޓީއެއް ދިނަސް ލަންކާއަށް ނުވަދެވޭނެތީ އޭނާއަށް އެފަދަ ސިޓީއެއް ހައިކޮމިޝަނުން ނުދެއެވެ.

18 މެއިގައި އެ މީހާ ހުންނާނެ ތަނެއް ނެތިގެން ހައިކޮމިޝަން ކައިރިއަށް އައިސް އެހީއަށް އެދުމުން 30 ޕައުންޑުގެ އެހީތެރިކަމެއް ދިން ކަމަށް މިއުވާން ވިދާޅުވިއެވެ.

"ދައުލަތުގެ ފަރާތުން މިދަނޑިވަޅުގައި މާލީ އެހީތެރިކަން ފޯރުކޮށްދޑޭ ފަރާތްތަކަށް އެހީ ދިނުމުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ބޭނުންވާ ލިޔެކިޔުން އެބޭފުޅާގެ ފަރާތުން އަދިވެސް ނުލިބ. ދައުލަތުގެ ފައިސާ ޚަރަދު ކުރެވޭނީ ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން،" މިއުވާން ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން ލޮކްޑައުންކޮށްފައި ތިބި ގައުމުތަކުގައި ތިބި ދިވެހީންނަށް ޒަކާތު ފަންޑުން މާލީ އެހީތެރިކަން ދެއެވެ. ނަމަވެސް އެހީ ދެނީ މަގުބޫލު ސަބަބެއް ދެއްކުމުންނެވެ.