20 May 2020, 16:10
ދިއްލީ (މެއި 20): އިންޑިއާއިން ކޮރޯނާވައިރަހާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އެހީވުމަށް، ބްރިކްސް ޖަމްއިއްޔާގެ ނިއު ޑިވެލޮޕްމެންޓް ބޭންކް (އެންޑީބީ)އިން އެގައުމަށް އެއް ބިލިއަން ޑޮލަރުގެ ލޯނެއް ދީފި އެވެ.
ދުނިޔޭގެ ކުރިއަރަމުން އަންނަ އިގުތިސާދުތައް ހިމެނޭ ބްރިކްސްގެ ބޭންކުން ބުނި ގޮތުގައި އިންޑިއާއަށް އެ ލޯނު ދޭން އެންޑީބީ ބޯޑުން ފާސް ކުރީ މިދިޔަ މަހުގެ 30ގަ އެވެ. އަދި އެ ލޯނުގެ މަގުސަދަކީ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށާއި ބަލިމަޑުކަމުގެ ސަބަބުން ލިބޭ އިންސާނީ، އިޖުތިމާއީ އަދި އިގުތިސާދީ ގެއްލުންތައް ކުޑަ ކުރުމަށް އިންޑިއާ ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީވުމެވެ.
މީގެ އިތުރުން، ޗައިނާއިން އިސްނަގައިގެން އުފައްދާފައިވާ އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ)އިން ވެސް ވަނީ އިންޑިއާއަށް އެހީވުމުގެ ގޮތުން 500 މިލިއަން ޑޮލަރުގެ ލޯނެއް ދޭން މިމަހުގެ ކުރީކޮޅު އެއްބަސްވެފަ އެވެ. އެ ލޯނުގެ ބޭނުމަކީ އިންޑިއާގެ އާއްމު ސިއްހަތުގެ ނިޒާމު ހަރުދަނާކޮށް، މުސްތަގުބަލުގައި ފެނިދާނެ ބަލިމަޑުކަަމަށް ތައްޔާރުވެ، ބަލި ފެތުރުން ހުއްޓުވުމަށް އެގައުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީވުން ކަމަށް އޭއައިއައިބީން ބުންޏެވެ.
ދެހާސްސާދަ ވަނަ އަހަރު އުފެއްދި ބްރިކްސްގެ މެމްބަރުންގެ ތެރޭގައި ހިމެނެނީ ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާ އެވެ. އަދި ބްރިކްސްގެ ޑިވެލޮޕްމެންޓް ބޭންކުގައި ހުރިހާ ގައުމަކަށް ވެސް ދީފައި އޮންނަނީ 20 ޕަސެންޓު ހިއްސާ އެވެ.
މިދިޔަ މާޗް މަހު އެންޑީބީން ވަނީ ޗައިނާއިން ކޮރޯނާވައިރަހާ ގުޅިގެން ކުރާ ހަރަދުތަކަށް އެހީވުމުގެ ގޮތުން އެގައުމަށްވެސް ހަތް ބިލިއަން ޔުއާން (985 މިލިއަން ޑޮލަރު)ގެ ލޯނެއް ދޭނެ ކަމަށް ބުނެފަ އެވެ.