20 May 2020, 16:14
ވޮޝިންޓަން (މެއި 20): ކޮރޯނާވައިރަހުގެ އެންމެ ގިނަ ކޭސްތައް އެމެރިކާއިން ފެނުމަކީ އެގައުމަށް ލިބޭ ޝަރަފެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އެމެރިކާގައި ބަލިމަޑުކަން ފެތުރުނު ފަހުން ބޭއްވި ފުރަތަމަ ކެބިނެޓު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި އެގައުމުން ވައިރަހުގެ އެންމެ ގިނަ ކޭސްތައް ފެނުމުން ދޭހަވަނީ މުޅި ދުނިޔެއިންވެސް ވައިރަހަށް އެންމެ ގިނައިން ޓެސްޓު ކުރަނީ އެމެރިކާއިން ކަމެވެ.
"މިގައުމުން އެންމެ ގިނަ ކޭސްތައް ފެންނަނީ އެހެން އެންމެންނަށް ވުރެ ގިނައިން އަޅުގަނޑުމެން ޓެސްޓު ކުރާތީ. ވީމާ ކޭސްތައް ގިނަ ވުމުން އެއީ ގޯސް ކަމެއް ކަަމަށް ނުދެކެން. އަޅުގަނޑު ދެކެެނީ އެއީ ޓެސްޓު ކުރުން ރަނގަޅުވުން ކަމަށް. އަޅުގަނޑަށް ފެންނަ ގޮތުގައި މިއީ ޝަރަފުގެ ބެޖެއް،" ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާއިން ކޮރޯނާވައިރަހަށް ޓެސްޓު ކުރި އަދަދު އެހެން ގައުމުތަކާ އަޅާ ބަލާއިރު އިތުރެވެެ. ނަމަވެސް އާބާދީގެ ނިސްބަތުން ބަލާއިރު ޓެސްޓުތައް އެންމެ ގިނައީ އެމެރިކާގައެއް ނޫނެވެ. އެގޮތުން އޮކްސްފޯޑް ޔުނިވާސިޓީގެ "އަވާ ވޯލްޑް އިން ޑޭޓާ"އިން ދައްކާ ގޮތުގައި އާބާދީގެ ނިސްބަތުން ޓެސްޓު ކުރާ މިންވަރަށް ބަލާއިރު އެމެރިކާ އުޅެނީ ލިސްޓުގެ 16 ވަނައިގަ އެވެ.
މުޅި އާބާދީގެ ކޮންމެ 1،000 މީހަކަށް ޓެސްޓުތައް ހަދާ މިންވަރު ބަލާއިރު އެންމެ ކުރީގައި އުޅެނީ އައިސްލޭންޑެވެ. އެގައުމުގެ ނޫސްތަކުގައިވާ ގޮތުން އައިސްލޭންޑުގެ އާބާދީގެ 15 ޕަސެންޓު މިހާރު ވަނީ ޓެސްޓުކޮށްފަ އެވެ. އޮކްސްފޯޑް ޔުނިވާސިޓީގެ ޑޭޓާއިން ދައްކާ ގޮތުގައި އެއީ ކޮންމެ 1،000 މީހަކަށް 167.46 ޓެސްޓެވެ. އެއާ އަޅާ ބަލާއިރު އެމެރިކާގައި ކޮންމެ 1،000 މީހަކަށް ހަދާފައި ވަނީ 35.75 ޓެސްޓެވެ.
އެމެރިކާގެ ކޮވިޑް ޓްރެކިން ޕްރޮޖެކްޓުން ބުނާ ގޮތުގައި ފާއިތުވި ހަފްތާ ތެރޭ އެގައުމުން ދަނީ ކޮންމެ ދުވަހަކު 300،000 އާއި 400،000އާ ދެމެދުގެ މިންވަރަކަށް ޓެސްޓު ކުރަމުންނެވެ. އަދި މިހާތަނަށް ޖުމްލަ 12 މިލިއަން ޓެސްޓު ވަނީ ހަދާފަ އެވެ.
އެމެރިކާގައި މިހާތަނަށް 1.5 މިލިއަން މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 323,413 މީހަކު ވަނީ މަރުވެފަ އެވެ.