26 Dec 2011, 15:11
ޓެރަރިޒަމްގެ އެއްވެސް އަސަރެއް ރާއްޖޭގައި ނެތް ކަމަށާއި އެއްވެސް ކަންބޮޑުވުމެއްނެތި ބޭރުގެ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކުރުމަށް އަދާލަތު ޕާޓީން ބޭރުގެ މުޖުތަމައުތަކަށް ގޮވާލައިފި އެވެ.
އަދާލަތު ޕާޓީން މިކަމަށް އެދި ގޮވާލާފައި ވަނީ މިދިޔަ ހުކުރު ދުވަހު މަދަނީ ބައެއް ޖަމިއްޔާތަކާއި އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން ބޭއްވި މުޒާހަރާއާ ގުޅިގެން ރާއްޖޭގެ ރައްޔިތުންނަކީ ހަރުކަށި ބައެއްގެ ގޮތުގައި ސިފަވާ ގޮތަށް ދައުލަތުގެ މީޑިއާ އާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުން މައުލޫމާތު ދީފައިވާ ކަމަށް ބުނެ ނެރެފައިވާ ބަޔާނެއްގަ އެވެ. އަދި ހަގީގަތާ ހިލާފަށް އެފަދަ މައުލޫމާތުތައް ފަތުރާފައިވުމުގެ ސަބަބަބުން ރާއްޖެ އަންނަ ޓޫރިސްޓުންނަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފާނެތީ އަދާލަތު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރާއްޖެ އަންނަ ޓޫރިސްޓުންނަށް އަދާލަތު ޕާޓީ އަބަދު ވެސް މަރުހަބާ ކިޔާނެ ކަމަށާއި މިދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހަރާއާ ގުޅިގެން ދައުލަތުގެ ބައެއް މުއައްސަސާތަކުންނާއި ދައުލަތުގެ މީޑިއާގައި ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރާފައިވާ ކަމީ ރާއްޖޭގެ ފޮރިން ޕޮލިސީ ކަނޑައަޅަން ތިއްބެވި ބޭފުޅުންގެ ދުރުވިސްނުންފުޅު ނެތްކަން ސާބިތުވާ ކަމެއްގެ ގޮތުގައި ދެކޭ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.
އަދާލަތުގެ ބަޔާނުގައި ބުނެފައި ވަނީ ޓެރަރިޒަމްގެ އަމަލުތައް ފަދަ އެއްވެސް އަމަލަކަށް ރާއްޖެ އިން ޖާގަ ނުދޭނެ ކަމަށާއި ރާއްޖެ އަންނަ ފަތުރުވެރިންނަށް ފުރިހަމަ ރައްކާތެރިކަމާއި އަމާންކަން ފޯރުކޮށްދިނުމުގެ ގާބިލްކަން ރާއްޖޭގެ ރައްޔިތުންގެ ކިބައިގައި ހުންނާނެ ކަމަށެވެ. އަދި މާޒީގައި ވެސް ދައްކާފައިވާ ރީތި ނަމޫނާ މުސްތަގުބަލްގައި ވެސް ރާއްޖެ އިން ފެނިގެންދާނެ ކަމުގެ ޔަގީންކަންދޭ ކަމަށް ވެސް ބައިނަލްއަގުވާމީ މުޖްތަމައުތަކަށް އަދާލަތުން ވަނީ ބުނެފަ އެވެ.
"ރާއްޖެއަކީ އަބަދުވެސް ރާއްޖެ އަންނަ މެހުމާނުންނަށް ހެޔޮކޮށްހިތައި އިހުތިރާމްކޮށް، އެއުރެންގެ ހައްޤުތައް ދަމަހައްޓާ ގައުމެކެވެ. ރާއްޖޭގެ ގޮނޑުދޮށްތަކާއި ރީތި ރަށްތަކުގައި އުފާވެރި އަމާންޖައްވެއްގައި އުޅެލުމަށް އަންނަ ފަތުރުވެރިންނަށް އަދާލަތުން އަބަދު ވެސް މަރުހަބާކިޔާނެ އެވެ،" އަދާލަތުން ބުންޏެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ މާޒީ އަށް ބަލާއިރު، ފަތުރުވެރިންނަށް ރާއްޖެ އިން ދައްކުވާދީފައި ވަނީ ވަރަށް މަތިވެރި އިސްލާމީ އަހުލާގީ ނަމޫނާއެއް ކަމަށާއި ފަތުރުވެރިންގެ ތައުރީފް ރާއްޖެ އަށް ހައްގުވެގެން ގޮސްފައި ވަނީ ވެސް މިސަބަބަށް ޓަކައި ކަމަށް ވެސް އަދާލަތުން ބުންޏެވެ.
ހުކުރު ދުވަހު މާލެ އާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ހިނގާދިޔަ މުޒާހަރާތަކުގެ ޚަބަރު ބޭރުގެ މީޑިއާގައި ވެސް ފެތުރިފައިވާ އިރު ރާއްޖޭގައި ޓެރަރިޒަމްގެ ބިރު އެބައޮތް ކަމަށާއި އެފަދަ އެއްވުންތަކުގެ ސަބަބުން ރާއްޖެ އަށް ދަތުރުކުރާ ޓޫރިސްޓުންނަށާއި މީހުން ހަމަލާއެއް އަތުވެދޭނެ ކަމަށާއި އެކަމަށް ސަމާލުވުމަށް ބްރިޓިޝް ކޮމަންވެލްތު އޮފީހުން ވަނީ އަންގާފަ އެވެ. އަދި ޑިސެންބަރު 23ގެ މުޒާހަރާ އާއި ގުޅިގެން އިތުރު މުޒާހަރާތަކެއް ހިނގާފާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.