20 May 2020, 13:54
ރާއްޖެ އަބަދަކު ފުރަބަންދުގައި ނުބޭއްްވޭނެ ކަމަށާއި ރިސްކް ނަގައިގެން ގައުމުގެ އިގްތިސޯދު ހުޅުވާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.
މާޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ބޭރުގެ ފަރާތްތައް ރާއްޖެ އައުން މަނާކޮށްފައިވާއިރު ޖެހިގެން އައި އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ވެރި ރަށް މާލެއިން ކޮވިޑް-19ގެ ފުރަތަމަ ކޭސްއެއް ފެނުމާއި އެކު މުޅި ރާއްޖެ އެއްކޮށް ވަނީ ފުރަބަންދު ކޮށްފަ އެވެ.
ފުރަބަންދުގެ މުއްދަތު ދިގުލައިގެން ގޮސް އިގްތިސާދު އެއްކޮށް ހުއްޓިފައިވާއިރު، އެ ނިންމުން ބަދަލު ކުރުމުގެ އަޑު މި ވަނީ ގަދަ ވާން ފަށައިފަ އެވެ. މަޖިލީހުގެ މެންބަރުން ވެސް މިއަދު ގޮވާލެއްވީ ރާއްޖެ ހުޅުވުމަށެވެ.
އެތެރެއިންނާއި ބޭރުން ތަޅުލައިގެން ތިބެގެން އެއްވެސް ކަމެއް ހައްލު ނުވާނެ ކަމަށާއި ރިސްކް ނަގައިގެން ކުރިއަށް ދާން ޖެހޭ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިގްތިސޯދު ހުޅުވާލަން އެބަ ޖެހޭ. އިގްތިސޯދު ހުޅުވާލަން ޖެހޭ ވަރަށް ބޮޑު ރިސްކެއް. މި ރިސްކް މިއަދު ނަގަން އެބަ ޖެހޭ. ދެފައި މައްޗަށް ދެ ފޮއި ވެއްޓެންދެން އަޅުގަނޑުމެން ތިބޭކަށް ނުވާނެ،" މެންބަރު ގަފޫރު ވިދާޅުވި އެވެ.
ފެންނަ މަންޒަރުތައް ގޯސް ނޫން ނަމަވެސް އިގްތިސާދު ހުޅުވާލާ ހިސާބުން ކޮންމެވެސް ވަރަކަށް ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް ކުރިމަތިވާނެ ކަން ގަފޫރު ފާހަގަކުރެއްވި އެވެ. ނަމަވެސް ފުލް ލޮކްޑައުނެއްގައި އޮތުމުން ދެން ކުރިމަތިވާ ކަންތައްތަކުން އަރައިގަތުމަކީ ވަރަށް ވެސް އުނދަގޫ ކަމެއްކަން ގަބޫލު ކުރަން ޖެހޭ ކަމަށް ވެސް ގަފޫރު ވިދާޅުވި އެވެ.
"އަޅުގަނޑު އިންމީދު ކުރަން ސިއްހީ ބޭފުޅުން ވެސް މިކަންކަމަށް ވިސްނައި ހަރުދަނާ ފިޔަވަޅުތަކެއް ކުރިއަށް އޮތް ދެ ދުވަހު އަޅުއްވާނެ ކަމަށް،" ގަފޫރު ވިދާޅުވި އެވެ.
ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދް ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން އިގްތިސޯދީ ހަރަކާތްތައް ނުހިންގިއްޖެ ނަމަ މިހާރު މި އޮތް ހާލަތަށް ވުރެން ނިކަމެތި ހާލަތަށް ވެއްޓޭނެ ކަމަށެވެ، އެހެން ކަމުން ކުރަން ޖެހޭ މަސައްކަތްތައް ކޮށް ގައުމު އަލުން ހުޅުވާލަން ޖެހޭ ކަން ވަނީ ފާހަގަކޮށްފަ އެވެ.
ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމް ވިދާޅުވީ، 4.2 ބިލިއަން ރުފިޔާ ނެގުމުގެ ހުއްދަ މަރުކަޒީ ބޭންކް އެމްއެމްއޭއަށް ދިން ނަމަވެސް އެ ވަރުން ވެސް ނުފުދި ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް ކުޑަ ކުރަން ޖެހޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އެކަމުން އެކަނި ވެސް ރާއްޖޭގެ އިގްތިސޯދު ވެއްޓިފައި އޮތް ހިސާބު އެނގޭ ކަން ވެސް ހުސައިން ގާސިމް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު ހަމަ އެދެނީ މިވަގުތުންތަށް ވީހާ އަވަހަކަށް ވެސް ރާއްޖޭގެ އިގްތިސޯދު ހުޅުވާލެވޭނެ ކޮންމެވެސް ގޮތެއް ރާވާއިގެން ރާއްޖޭގެ އިގްތިސޯދު ހުޅުވި ރާއްޖޭގެ ދައުލަތަށް އާމްދަނީއެއް ވަންނާނެ ގޮތަކަށް މަގުފަހިވެގެން ދިއުން،" މެންބަރު ހުސެން ގާސިމް ވިދާޅުވި އެވެ.
ކޮވިޑް-19އާ ގުޅިގެން ހުރިހާ ކަމެއް ވެސް ހިނގަމުން ދަނީ ސިއްހީ މާހިރުންގެ ލަޔަފާއެކު ކަން ފާހަގަކުރައްވާ މެންބަރު ހުސައިން ގާސިމް ވިދާޅުވީ، އިގްތިސާދު ހުޅުވާލުމުގައި ވެސް އެ ފަރާތްތަކުގެ ލަފާ ހޯދަން ޖެހޭ ކަމަށެވެ. އަދި ރާއްޖެ އަކީ ޖަޒީރާ ގައުމަކަށް ވުމުން މާލެއާ އެއްގޮތަށް ރާއްޖޭގެ އެހެން ރަށްތައް ފުރަބަންދެއްގައި އޮންނަން ކޮންމެހެން ނުޖެހޭ ކަމަށް ވެސް ހުސައިން ގާސިމް ވިދާޅުވި އެވެ.
ފުރަބަންދަށް ލުއިތަކެއް ގެނެސް އިގްތިސާދީ ހަރަކާތްތައް ފަށަން އުޅޭ ކަމުގެ ބައެއް އިޝާރާތްތައް ވެސް މިހާރު ވަނީ ލިބެން ފަށާފަ އެވެ. އެގޮތުން ނިއު ނޯމަލްއެއްގައި ކޮވިޑާއި އެކު އުޅޭނެ ގޮތުގެ އިރުޝާދުތައް ސިއްހީ ފަރާތްތަކުން މިހާރު އަންނަނީ ދެމުންނެވެ. އަދި ރާއްޖޭގެ ޓޫރިޒަމް އަލުން ހުޅުވާލުމުގެ ޕްލޭނެއް ވެސް މިހާރު ވަނީ އެކުލަވާލައިފަ އެވެ.