މިހާރު ހުރި ލޯކަލް ކައުންސިލްތަކުގެ ދައުރު އަންނަ މަހުގެ ތިން ވަނަ ދުުވަހު ހަމަވާއިރު، އެކަމަށް ހައްލެއް ހޯދައި ދިނުމަށް ކުރިއަށް މިއޮޮތް ކުޑަ އީދުގެ ބަންދުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވައި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް ނިންމާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލާއި ގުޅޭ ގޮތުން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ ބިލްގެ މަސައްކަތް ނިންމުމަށް އަންނަ ހަފްތާގެ 26،27 އަދި 28 ގައި ޖަލްސާތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

"އިއްޒަތްތެރި މެންބަރުން މިކަމުގައި ދެކިވަޑައިގަންނަވާ ގޮތް އެއީ އަޅުގަނޑާއި ގުޅުންހުރި ކަމެއް ނޫން. އަޅުގަނޑު މި ދަންނަވާ ވާހަކައަކީ އިރާދަކުރެއްވިއްޔާ 28 ވަނަ ދުވަހާއި ހަމައަށް ކޮންމެވެސް ގޮތެއް އަޅުގަނޑު ނެރެދޭނެމޭ. ދެން އެއީ ކޮން ގޮތެއް ކަމެއް. ގާނޫނު އަސާސީ އިސްލާހުވުންތޯ ނުވުން ތޯ އިސްލާހު ކޮން ގޮތަަކަށްވުން ތޯ އެ އެއް ނިންމަވާނީ އިއްޒަތްތެރި މެންބަރުން. އަޅުގަނޑު މަސައްކަތް ކުރާނަން މީގެ ނިންމުމަކަށް ގެންދިއުުމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ކަލަންޑަރުން ދައްކާ ގޮތުން ޝައްވާލް މަހުގެ އެއްވަނަ ދުވަސް ނުވަތަ ފިތުރު އީދު ދުވަހަކީ 24 ވާ އާދިއްތަ ދުވަހެވެ. އެކަން ޔަގީން ވާނީ ހުކުރު ދުވަހުގެ ރޭގަ އެވެ. ފިތުރު އީދާއި ގުޅިގެން މަދުވެގެން ތިން ދުވަސް ސަރުުކާރު ބަންދުވާނެ އެވެ. އެހެންކަމުން ޖަލްސާތައް ބޭއްވުމަށް ނިންމާފައިވާ އެ ދުވަސްތައް ވަންނާނީ އީދު ބަންދުގެ ތެރެއަށެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅާފައި ވަނިކޮށް، ކައުންސިލަރުންގެ ދައުރު ދިގު ދެންމުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ ގާނޫނެއް ހެދުމަށް މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ.

ނަމަވެސް އެ ބިލް ފާސްވެ ގާނޫނަކަށް ވި ނަމަވެސް ކައުންސިލަރުންގެ ދައުރު ދިގު ނުދެންމޭނެ ކަމަށް އެޓާނީ ޖެނެރަލާއި މަޖިލިހީހުގެ ކައުންސެލް ޖެނެރަލް އަދި އެހެން ވެސް ގާނޫނީ ވަކީލުން ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.