20 May 2020, 11:40
ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމާއި އެކު ކޮށްފައިވާ ފުރަބަންދަށް ލުޔެއް ގެނެސް، ފަތުރުވެރިކަން އަލުން ފެށުމަށް ޓުއަރިޒަމް މިނިސްޓްރީން ތައްޔާރުވަމުން އަންނައިރު އެކަމުގެ ލަފަޔަކަށް ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.
ރާއްޖެ އަލުން ފަތުރުވެރިކަމަށް ހުޅުވާލާއިރު، ޓޫރިސްޓުން ބޭތިއްބުމުގެ ހާއްސަ ހުއްދަ، "ސޭފް ޓޫރިޒަމް ރިސޯޓު ލައިސަންސް" އެއް ދޫކުރުމާއި ރާއްޖެ އަންނަތަނުން ހުރިހާ ޓޫރިސްޓުން ވައިރަހަށް ޓެސްޓް ކުރާ ގޮތަށް ހިމަނާ ރާއްޖޭގެ ޓޫރިޒަމް އަލުން ފެށުމުގެ އުސޫލެއްގެ ޑްރާފްޓެއް ޓުއަރިޒަމް މިނިސްޓްރީން ވަނީ އެކުލަވާލާފަ އެވެ.
ޓުއަރިޒަމް މިނިިސްޓަރު އަލީ ވަހީދު ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމާއި ގުޅޭ ގޮތުން އުސޫލެއް އެކުލަވާލާފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކުން ވެސް އެކަން ކުރާ ގޮތަށް ޑަބްލިއުއެޗްއޯގެ މިންގަނޑާއި ވެސް އެއްގޮތަށް ކަމަށެވެ.
އެހެން ކަމުން އެ މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލަށް މަޖިލީހުން ހުށަހަޅަން ބޭނުންވާ ކަންކަން މި މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން ޓުއަރިޒަމް މިނިސްޓްރީއަށް ފޮޮނުވުމަށް ވަނީ އެދިފަ އެވެ.
އެ މައްސަލަ ވަނީ މަޖިލީހުގެ އިގްތިސޯދީ ކޮމެޓީއަށް ދިރާސާ ކުރުމަށް ފޮނުވާފަ އެވެ. މައްސަލަ ދިރާސާ ކުރުމަށް ފޮނުވުމަށްފަހު މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ފަންނީ ފަރާތްތަކުގެ ހިޔާލާއި އެކު އެ މައްސަލައަށް ގޮތެއް ނިންމުމަށް މިއަދު މިއަދަށް މަސައްކަތް ފަށެމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ކޮވިޑް -19 އަށް ފަހު ރާއްޖެ އަލުން ހުޅުވާލުމާ ގުޅޭގޮތުން އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ޓޫރިޒަމް މިނިސްޓްރީ އިން އެކުލަވާލާފައިވާ "ސޭފް ޓޫރިޒަމް ގައިޑްލައިން" ޑްރާފްޓުގައި ބުނެފައިވަނީ މި ލައިސަންސް ދޫކުރާނީ ވަކި ޝަރުތުތަކެއް ހަމަވާ ރިސޯޓުތަކަށް ކަމަށެވެ.
އެ ޑްރާފްޓް ގައިޑްލައިންގައިވާ ގޮތުން ސޭފް ޓޫރިޒަމް ރިސޯޓްގެ ގެސްޓް ރޫމްތަކުގެ 10 ޕަސެންޓު އައިސޮލޭޝަނަށް ކަނޑައަޅަންވާނެ ކަމަށާއި ސްޓާފުންގެ 10 ޕަސެންޓަށްވާ ވަރަށް ސްޓާފުންނަށް ހާއްސަ ކަރަންޓީނު ނުވަތަ އައިސޮލޭޝަން ފެސިލިޓީ ގާއިމް ވެފައި ހުންނަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން ގެސްޓުންނަށް ހިދުމަތްދޭ ސްޓާފުންނަކީ ޕީޕީއީ އަޅައިގެން ހިދުމަތްދިނުމަށް ތަމްރީނުވެފައި ތިބޭ މީހުންނަށް ވާންޖެހޭނެ ކަމަށާއި ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތަށް ސްޓާފުން ތަމްރީނުވެފައި ތިބެންޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ. އަދި ކޮވިޑް19 އަށް ޝައްކު ކުރެވޭ ކޭހެއް ފެނިއްޖެނަމަ ކަންކުރާނެ ގޮތަށް ސްޓާފުން ތަމްރީނު ކުރެވިފައި ތިބެންޖެހޭނެ ކަމަށާއި ރިސޯޓުގައި އެކަށީގެންވާވަރަށް ޕީޕީއީ (އަންގި މާސްކު، ބޫޓުކަވާ އަދި ގައުން) ހުންނަން ވާނެ ކަމަށް ބުނެފައިވެ އެވެ.
ޑްރާފްޓް އުސޫލުގެ އުސްއަލިތައް:
ޓޫރިސްޓުން ގެނެވޭނީ، ސޭފް ޓޫރިޒަމް ރިސޯޓް ލައިސަންސް ދޫކުރާ ރިސޯޓްތަކަށް އެކަނި. ލައިސަންސް ފީ 50،000 ޑޮލަރު.
- ރާއްޖެ ވަނުމުގެ ހުއްދަ ޓޫރިސްޓުންނަށް ދޭނީ، ރާއްޖެ އައުމުގެ ހަތް ދުވަސްކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓެއްގެ ނަތީޖާ ނުވަތަ އެންޓި ބޮޑީ ޓެސްޓެއްގެ ނަތީޖާ ދެއްކުމުން.
- ކޮންމެ ޓޫރިސްޓެއްގެ އަތުން ވިސާ ފީއަށް 100 ޑޮލަރު ނަގާނެ. ޓްރެވަލް އިންޝްއަރެންސް ހަދާފައި އޮންނަން ޖެހޭ.
- ޓޫރިސްޓުން އެއާޕޯޓަށް ފައިބާ ތަނުން ޕީސީއާރު ޓެސްޓް ހަދާނެ. ރިސޯޓްގެ ކޮޓަރިން ނިކުމެވޭނީ ޓެސްޓްގެ ނަތީޖާ ނެގެޓިވްވުމުން.
- ރިސޯޓްތަކުގައި ހުންނަން ޖެހޭނީ ސެލްފް-ސާވިސް ޗެކިން.
- ރާއްޖެ އައުމުގެ ހުއްދަ ދެވޭނީ އެންމެ މަދުވެގެން 14 ދުވަހުގެ ޗުއްޓީއެއް ބުކްކުރުމުން.
- ޖޫންގައި ހުޅުވާލަނީ ސުޕަ ޔޮޓުތަކާއި ޖެޓުތަކުން އަންނަ ޓޫރިސްޓުންނަށް.
- ކޮމާޝަލް ފްލައިޓުތަކަށް ރާއްޖެ ހުޅުވާލާނީ ޖުލައި މަހު.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ އޮންލައިންކޮށް ޓޫރިޒަމް ދާއިރާގެ ފަރާތްތަކާ ބައްދަލުކޮށް އެ އުސޫލު އެ ފަރާތްތަކާ ހިއްސާކޮށްފަ އެވެ. އަދި އެ އުސޫލަށް އިންޑަސްޓްރީގެ ހިޔާލަށް މިނިސްޓަރު އެދިވަޑައިގެންނެވިކަން ވަނީ އެނގިފައިވެ އެވެ.