ކޮރޯނާވައިރަސް، ކޮވިޑް-19ގެ އިތުރު 43 ކޭހެއް މިއަދު ފެނިފައިވާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފި އެވެ.

އެޗްޕީއޭއިން މިއަދު ހާމަކުރި ގޮތުގައި، މިއަދު ހެނދުނު 10:00 އާ ހަމައަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 28 ބަންގްލަދޭޝް މީހަކާއި ހަތަރު އިންޑިއާ މީހެއް ގެ އިތުރުން ނޭޕާލް މީހެކެވެ.

މިއަދުގެ 10 ޖެހުމާ ހަމައަށް ޖުމްލަ 43 ކޭސް ފެނިފައިވާއިރު، އިއްޔެ ފެނުނު ކޭސްތަކުގެ ޖުމްލައަކީ 37 އެވެ.

މިއަދަދުތަކާ އެކު، ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ، 1،186 އަށް އަރައިފަ އެވެ.

ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 424 ދިވެހީންނާއި، ބަންގްލަދޭޝްގެ 609 މީހުންނާއި، އިންޑިއާގެ 112 މީހަކާއި، ނޭޕާލް 16 މީހުންގެ އިިތުރުން، ލަންކާގެ ހަ މީހަކާއި ޕާކިސްތާންގެ ތިން މީހުން ހިމެނެއެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް މީހުންގެ އަދަދު 1،186 އަށް އަރާފައިވާއިރު، 91 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ. އަދި ހަތަރު މީހަކު ވަނީ ބަލީގައިި މަރުވެފައެވެ.

ރާއްޖޭގައި ނޭނގި، ކޮވިޑް19 ޖެހުމަށްފަހު ރަނގަޅުވި މީހުންގެ އަދަދު ބެލުމަށްޓަކައި މިހާރު އަންނަނީ ޓެސްޓުކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ސާމްޕަލް ނަގަމުންދަނީ ބިދޭސީން ތޮއްޖެހިފައި ތިބި ތަންތަނުންނެވެ.