ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ]އެޗްއާރުސީއެމް[ގެ ނައިބު ރައީސް ކަމުގެ މަގާމަށް އެ ކޮމިޝަންގެ މެމްބަރު އަހްމަދު ތޮލާލު އައްޔަން ކުރަން ފެންނަ ކަމަށް، އޭނާގެ ނަން ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމިޓީން ނިންމައިފި އެވެ.

އެ ކޮމިޓީގެ ރައީސް ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު މިއަދު ވިދާޅުވީ ތޮލާލު ނައިބް ރައީސްކަމަށް އައްޔަން ކުރަން ފެންނަ ކަމަށް މީގެ ދެ ދުވަސްކުރިން ކޮމިޓީ އިން ނިންމާފައިވާ ކަމަށާއި ކޮމިޓީ އިން ބެލި މިންގަނޑުތަކުން ތޮލާލަށް 87 ޕަސެންޓް މާކްސް ލިބިފައިވާ ކަމަށެވެ.

މާކްސް ދިނުމުގައި ކޮމިޓީ އިން ބަލާފައި ވަނީ ގާބިލް ކަމަށާއި ތަޖުރިބާ އަށާއި ލީޑަޝިޕަށާއި އިންޓެގްރިޓީ އަދި ތައުލީމީ ފެންވަރަށެވެ.

ތޮލާލުގެ ނަން ދިރާސާކުރި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ ދިއްދޫ ދާއިރާގެ މެމްބަރު އަހްމަދު ސަމީރާއި މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދާއި މަޑަވެލީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ކެލާ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ މައުސޫމާއި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި ވެލިދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު އަދި މާވަށު ދާއިރާގެ މެމްބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރެވެ.

ތޮލާލު އެ ކޮމިޝަނުގެ ނައިބް ރައީސްކަމުގެ މަގާމަށް އައްޔަންކުރުމަށް މަޖިލިހުގެ ރުހުން އޮތްތޯ ބެލުމަށް ދެން އޮންނަ ޖަލްސާއަށް އެޖެންޑާ ކުރައްވަން ހަމަޖެހިފައިވާ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.