ދޯހާ (މެއި 20): ގަތަރުގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް އީދާ ދިމާކޮށް ހަރުކަށިކޮށްފި އެވެ.

ގަތަރުގެ މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން އިއްޔެއިން ފެށިގެން މިމަސް ނިމެންދެން އެގައުމުގައި ކާބޯތަކެތި ވިއްކާ ފިހާރަތަކާއި ޑެލިވަރީކޮށްދޭ ރެސްޓޯރެންޓުތަކާއި ފާމަސީތައް ފިޔަވައި ހުރިހާ ފިހާރައެއް ހުންނާނީ ބަންދުކޮށްފަ އެވެ. އަދި އަންނަ ހުކުރު ދުވަހުން ފެށިގެން އެގައުމުގައި ގެއިން ބޭރަށް ނުކުންނަ އެންމެންގެ ފޯނުގައިވެސް ކޮރޯނާވައިރަސް ކޭސްތައް ޓްރެކް ކުރާ ގަތަރުގެ އެޕް ޑައުންލޯޑުކޮށްފައި ހުންނަންވާނެ އެވެ.

ގަތަރުގައި މީގެ ކުރިން މިސްކިތްތަކާއި މޯލްތަކާއި ސްކޫލުތައް ބަންދު ކުރި ނަމަވެސް ކާބޯތަކެތި ވިއްކާ ފިހާރަތައް ނޫން އެހެން ފިހާރަތައް ދިޔައީ ބައެއް ގަޑިތަކުގައި ހުޅުވަމުންނެވެ.

މީގެ އިތުރުން އެގައުމުގެ ކޮމާސް މިނިސްޓްރީން ވަނީ މި މުއްދަތުގައި ކާރު ދުއްވާ އިރު އޭގައި ތިބެން ޖެހޭނީ ގިނަ ވެގެން ދެ މީހުން ކަމަށާއި އެއް އާއިލާއެއްގެ މެމްބަރުން ތިބޭ ޕްރައިވެޓް އުޅަނދުތަކާއި ޓެކްސީތަކުގައި ތިން މީހުންނަށް ތިބެވޭނެ ކަމަށް ބުނެފަ އެވެ. އަދި ބަސްތަކަށް މީހުން އަރުވާއިރު އޭގައި ހުންނަ ސީޓުތަކުގެ ދެބައިކުޅަ އެއްބަޔަށް ވުރެ އިތުރަށް މީހުން އަރުވައިގެން ނުވާނެ ކަމަށް ބުނެފަ އެވެ.

އެ މިނިސްޓްރީން ވަނީ މި މަސް ނިމެންދެން މީހުން ގުރޫޕު ހަދައިގެން ކަސްރަތު ކުރުމަކީ މަނާ ކަމަކަށްވީ ނަމަވެސް، އެމީހަކު ދިރިއުޅޭ ގެ ކައިރީގައި ޖިސްމާނީ ގައިދުރުކަން ބަހައްޓައިގެން ކަސްރަތު ކުރުން ހުއްދަ ކަމަށް ބުނެފަ އެވެ.

މީގެ ކުރިން، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ގަތަރުގައި ބޭރަށް ނުކުމެ އުޅޭ އިރު މާސްކު އަޅައިގެން އުޅުން ވަނީ ލާޒިމުކޮށްފަ އެވެ. އަދި އެ ގަވާއިދުތަކާ ހިލާފުވާ މީހުން ގިނަވެގެން ތިން އަހަރަށް ޖަލަށްލާ، 200،000 ރިޔާލް (54،800 ޑޮލަރު)ން ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.

ގަތަރުގެ އިތުރުން މިސްރާއި ސައުދީ އަރަބިއާ ފަދަ ގައުމުތަކުންވެސް ވަނީ އީދާ ދިމާކޮށް ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމާފަ އެވެ.

ގަތަރުގައި މިހާތަނަށް 35،000އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 15 މީހަކު ވަނީ މަރުވެފަ އެވެ.