ކޮވިޑް19 އަށް ޕޮޒިޓިވްވާ ބިދޭސީންގެ އަދަދު މިހާރު ދަށްވާން ފަށާފައިވާކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިހާތަނަށް ރާއްޖެއިން 1143 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައި ވާއިރު އޭގެތެރޭގައި 729 ބިދޭސީން ހިމެނެއެވެ. ބަލި ޖެހިފައިވާ ދިވެހީންގެ އަދަދަކީ 414 އެވެ.

މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަފާސް ހިސާބުތައް ހިއްސާކުރައްވަމުން ޑރ. އަފްޒަލް ވިދާޅުވީ މީގެ ކުރިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ ބިދޭސީންނާއި ދިވެހީންގެ މެދުގައި ބޮޑު ފަރަގެއް ހުރި ނަމަވެސް، މިހާރު އެ ފަރަގު ވަރަށް ބޮޑުތަން ކުޑަވެ، ދިވެހީންނާ ބިދޭސީން ޕޮޒިޓިވްވާ ނިސްބަތް ގާތްގަނޑަކަށް އެއްވަރު ވެފައިިވާ ކަމަށެވެ.

"ފަހަކަށް އައިސް ބިދޭސީންގެ ނަންބަރުތަކާ ދިވެހީންގެ ނަންބަރުތައް ވަރަށް ގާތްކޮށް ފެންނަނީ. މާނައަކީ ބިދޭސީންގެ ހައި ނަންބަރުތައް ވެސް މަޑުމަޑުން ތިރިވެ، ދިވެހިންގެ ނަންބަރުތައް ވެސް ފެންނަ ވަރަށޭ މި ފެންނަނީ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ރާއްޖޭގައި ނޭނގި، ކޮވިޑް19 ޖެހުމަށްފަހު ރަނގަޅުވި މީހުންގެ އަދަދު ބެލުމަށްޓަކައި ޓެސްޓުކުރަން ވެސް ވަނީ ފަށައިފައެވެ. އެ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ސާމްޕަލް ނަގަމުންދަނީ ބިދޭސީން ތޮއްޖެހިފައި ތިބި ތަންތަނުންނެވެ.

އަލާމާތް ފެންނަ މީހުން އިތުރުވެއްޖެ

ކޮވިޑް19 ޖެހި، ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ މީހުން ރާއްޖޭގައި ގިނަ ކަމަށް މީގެކުރިން ފާހަގަވެފައި ވީނަމަވެސް، މިހާރު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ގިނަ މީހުންގެ އަލާމާތްތައް ފެންނަ ކަމަށް މިރޭ ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން އަލާމާތް ނުފެންނަ މީހުންނާއި އަލާމާތްތައް ފެންނަ މީހުންގެ ނިސްބަތް ހުރީ ގާތްގަނޑަކަށް އެއްވަރެއްގައެވެ. އެހެން ނަމަވެސް މިހާރު ބައްޔަށް ޕޮޒިޓިވް މީހުންގެ ތެރެއިން 63 ޕަސެންޓު މީހުންގެ އަލާމާތް ފެންނަ ކަމަށާއި، އަލާމާތެއް ނުފެނި ޕޮޒިޓިވްވެފައިވަނީ 37 ޕަސެންޓު ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

މިހާރު ފެންނަ ކޭސްތަކުގެ ކޮންޓެކްޓުން ވެސް މަދުވަމުން އަންނަ ކަމަށް ޑރ. އަފްޒަލް މިރޭ ވިދާޅުވިއެވެ. އެގޮތުން މި ފަހުން ފެނިފައިވާ އެންމެ ބޮޑު ކްލަސްޓާއަކީ 12 މީހުންގެ ކްލަސްޓާއެއް ކަމަށް ޑރ. ވިދާޅުވިއެވެ. މިއީ ލޮކްޑައުން އާ ގުޅިގެން އައިސްފައިވާ ބަދަލެކެވެ.