އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި 14.69 ބިލިއަން ރުފިޔާގެ ބަޖެޓު ބައެއް އިސްލާހްތަކާ އެކު ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިސްލާހުތަކާ އެކު މުޅި ބަޖެޓް ފާސްކޮށްފައި ވަނީ ޖަލްސާގައި ތިއްބެވި 75 މެންބަރުންގެ ތެރެއިން 70 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް ދެ މެންބަރުން ވޯޓު ދެއްވި އެވެ.

ބަޖެޓަށް މެންބަރުން ހުށަހެޅި 32 އިސްލާހުގެ ތެރެއިން ވޯޓަށް އެހި 10 އިސްލާހް މެންބަރުން ވަނީ ފާސްކޮށްފަ އެވެ.
ފާސްކުރި އިސްލާހުތަކުގެ ތެރޭގައި، އަންނަ އަހަރަށް ޕްރައިވެޓައިޒް ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ، ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި އައިލެންޑް އޭވިއޭޝަން ސާވިސަސް އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގެ ތެރެއިން ބޭރުބަޔަކު ހިއްސާވާ ގޮތަށް ޕްރައިވެޓައިޒް ކުރެވޭނީ، ހަމައެކަނި މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ޕްރައިވެޓް ލިމިޓެޑް ކަމަށް ފަރެސް މަތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު ހުށަހަޅުއްވާފައިވާ އިސްލާހާ އެކު އެވެ.

މުއްތޮލިބުގެ އިސްލާހަށް ވޯޓަށް އެއްސެވުމުން ޖަލްސާގައި ތިއްބެވި 75 މެންބަރުންގެ ތެރެއިން އެ އިސްލާހު ފާސް ކުރުމަށާއި ފާސް ނުކުރުމަށް ވޯޓު ދެއްވި މެންބަރުންގެ އަދަދު 37 ވޯޓުން އެއްވަރުވެފައިވާތީ އެ އިސްލާހު ފާސްކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާޙިދު ވޯޓު ދެއްވައިގެންނެވެ.

ލޯކަލް ކައުންސިލްތަކުން ޕްރީ ސްކޫލް ހިންގުމަށާއި ޕަބްލިކް ހެލްތުގެ މަސައްކަތްތައް ރާވައި ހިންގުމަށް ހިމަނާފައިވާ އަދަދަށް ވުރެ އިތުރަށް ފައިސާ ބޭނުން ވާތީ އާއި ކައުންސިލްތަކުން ތަރައްގީގެ ކަންތައްތައް ހިންގުމަށް އިތުރަށް ފައިސާ ބޭނުން ވާތީ ކައުންސިލްތަކަށް ދޫ ކުރުމަށްޓަކައި 300 މިލިޔަން ރުފިޔާ ބަޖެޓަށް އިތުރު ކުރުމަށް ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސެއިން ހުށަހެޅުއްވި އިސްލާހް ވެސް ވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހު ފާސްކޮށްފައި ވަނީ 75 މެންބަރުންގެ ތެރެއިން 38 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ އިސްލާހް ފާސް ކުރަން ނުފެންނަ ކަމަށް 36 މެންބަރުން ވޯޓު ދެއްވި އެވެ. އަދި ކޮންމެ އަހަރަކު ވެސް ދައުލަތުން ފާސްކުރާ ބަޖެޓްގެ 0.1 ޕަސެންޓް ސިޔާސި ޕާޓީތަކަށް ދިނުމަށް ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައި ކަނޑައަޅާފައި އޮތް ނަމަވެސް އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ސިޔާސީ ޕާޓީތަކަށް ދިނުމަށް ހިމަނާފައިވާ 11.26 މިލިޔަން ރުފިޔާއަކީ އެއް ޕަސެންޓް ނޫން ކަމަށްވާތީ ބަޖެޓްގެ 0.1 ޕަސެންޓް ކަމުގައިވާ 14.5 މިލިޔަން ރުފިޔާ ސިޔާސީ ޕާޓީތަކަށް ބަޖެޓްގައި ކަނޑައެޅުމަށް ކެލާ ދާއިރާގެ މެންބަރު އަބުދުﷲ މައުސޫމު ހުށަހެޅުއްވި އިސްލާހް ވެސް ވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހް ވެސް ފާސްކޮށްފައި ވަނީ ޖަލްސާގައި ތިއްބެވި 75 މެންބަރުން ވޯޓު ދެއްވި އަދަދު އެއްވަރުވުން މަޖިލީހުގެ ރައީސްގެ ވޯޓާ އެކު 38 މެންބަރުންގެ ވޯޓުންނެވެ.

ދައުލަތުގެ ބަޖެޓަށް ފައިސާ ހޯދުމަށް ދައުލަތުގެ އެއްވެސް މުދަލެއް ނުވަތަ ކުންފުންޏެއް ވިއްކާ ނަމަ ދައުލަތުގެ ހިއްސާ އާއި ރައްޔިތުންގެ ހިއްސާގެ ޖުމްލަ މުޅި މުދަލުގެ ނުވަތަ ކުންފުނީގެ ހިއްސާގެ 60 ޕަސެންޓަށް ވުރެ ކުޑަ ނުވާނެ އުސޫލުން ވިއްކުމަށް އިބްރާހިމް މުއްތަލިބު ހުށެޅުއްވި އިސްލާހް ވެސް ވަނީ ފާސްކޮށްފަ އެވެ. މީގެ އިތުރުން ދުވަސްމީ މީހުންނަށް އަސާސީ ޕެންޝަންގެ ގޮތުގައި ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުންދޭ 2000 ރުފިޔާ އަށް 15 ޕަސެންޓް އިތުރުކޮށް 2300 ރުފިޔާ ދިނުމަށް ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމު ހުށަހެޅި އިސްލާހް ވެސް ވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހް ފާސްކުރީ 75 މެންބަރުންގެ ތެރެއިން 39 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ އިސްލާހް ފާސްނުކުރުމަށް 35 މެންބަރުން ވޯޓު ދެއްވި އެވެ.