ވިހޭތާ އެއް މަސް ނުފުރޭ ކުޑަކުއްޖެއްގެ ގައިން ނެގި ދެވަނަ ސާމްޕަލް ނެގެޓިވްވެފައިވާ ކަމަށާއި އިތުރު ސާމްޕަލްއެއް ނަގަން ނިންމާފައިވާ ކަމަށް އެންއީއޯސީން ބުނެފި އެވެ.

އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ވިހޭތާ 20 ދުވަސް ފުރިފައިވާ ތުއްތުކުއްޖާގެ ދެވަނަ ސާމްޕަލް ނެގެޓިވްވެފައިވާ ކަމަށެވެ.

"20 ދުވަހުގެ ބޭބީގެ ސެކަންޑް ސާމްޕަލް ވަނީ ނެގެޓިވް ވެފައި، އަދި ތިން ވަނަ ސާމްޕަލް އަކަށް މި މަޑުކުރަނީ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

އެ ކުއްޖާ އެންމެ ފުރަތަމަ ޓެސްޓުކުރީ ޕޮޒިޓިވްވި މީހަކު އެކުއްޖާއާ ކޮންޓެކްޓު ވުމުގެ އިތުރުން ބަލީގެ އަލާމާތްތައް އެ ކުއްޖާގެ ގައިން ފެނުމުންނެވެ. ފުރަތަމަ ސާމްޕަލް ޕޮޒިޓިވްވިއިރު މި މަހުގެ 16ވަނަ ދުވަހުގެ ނެގި ދެވަނަ ސާމްޕަލްގެ ނަތީޖާ މިއަދު ލިބުނުއިރު ވަނީ ނެގެޓިވްވެފަ އެވެ.

ޑރ. އަފްޒަލް ވިދާޅުވީ ނަތީޖާގެ ސާމްޕަލް ލިބުން ލަސްވި ނަމަވެސް މި ދަނޑިވަޅުގައި ކެތްތެރިވެ ތިބުން މުހިންމު ކަމަށެވެ.

"ސާމްޕަލްއެއްގެ ނަތީޖާ ނައިސްގެން ތިން ދުވަހުގެ ސަބަބުން ކުއްޖާގެ ސިއްހީ ހާލަތަށް އެއްވެސް ހީނަރުކަމެއް ނާންނާނެ، ޓްރީޓްމަންޓް ދާނީ ރަނގަޅަށް. ޕޮޒިޓިވް، ނެގެޓިވްވުމެއް ނޫން މުހިންމީ. އުމުރުން ހަނގު ވީމަ ވެސް އެންމެ މުހިންމު ވާނީ ލިބެން ޖެހޭ ފަރުވާ ވަގުތުން ލިބުން. ހޮސްޕިޓަލް ސެޓަޕްއެއްގައި އޮތް ކުއްޖަކަށް އެ ފަރުވާ ލިބޭނެ 24 ގަޑިއިރު ވެސް. ލަސްވާ ލަސްވުން، އެއީ މި ދުވަސްވަރު ކޮންމެވެސް ވަރަކަށް އެކަހަލަ ލަސްވުން އަންނާނެ. އެކަމުގައި އަޅުގަނޑުމެން އެދެނީ ވަރަށް ބޮޑަށް ހުރިހާ ބޭފުޅުން ވެސް ކެތްތެރިވުން،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

މީގެ އިތުރުން އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ތިންވަނަ ޓެސްޓު ހަދަނީ އެކުއްޖާގެ ރައްކާތެރިކަމަށްޓަކައި ކަމަށާއި މިއީ ކޮންކަހަލަ ކޭސްއެއްކަން ނިންމޭނީ ތިންވަނަ ސާމްޕަލުން ކަމަށެވެ.

"ޕްރޮބަބަލް ކޭސްއެއް ކަމަށް ނިންމުމަށްފަހު އިތުރު ވެރިފިކޭޝަން ސާމްޕަލެއް ނުނަގާނެ. ވެރިފައި ކުރުމަށްފަހު ސާމްޕަލް މި ނަގަނީ. ނެގުމަށް ފަހު ނަންބަރުގެ ތެރޭގައި ވަކި ކަހަލަ ކޭސްއެއް ގޮތަށް ނޯޓު ކުރާނީ. މިކަހަލަ ކަންތައް [ސާމްޕަލްގެ ނަތީޖާ ލަސްވުން] ދިމާވުމަކީ ދެރަކަމެއް އެހެން ނަމަވެސް އާއިލާއާ ވަރަށް ގާތުން މަސައްކަތް ކުރެވޭ. އެބޭފުޅުން އެބަ ބޭނުންވާ އެޗްޕީއޭގެ ފަރާތުން ބައެއް ކަހަލަ މައުލޫމާތު. އަޅުގަނޑުމެން ތިންވަނަ ޓެސްޓެއް ހަދަން ބޭނުންވަނީ ހަގީގަތުގައި އެކުއްޖާގެ ސަލާމަތަށްޓަކައި،" މަބްރޫކް ވިދާޅުވި އެވެ.

ކޮވިޑް19އަށް ޕޮޒިޓިވްވެފައި ވަނިކޮށް ސިޒޭރިއަން ހެދި މީހާގެ ދަރިފުޅު ވަނީ ވައިރަހަށް ނެގެޓިވް ވެފަ އެވެ. އަދި މީގެ ކުރިން ހަތް މަހުގެ ކުއްޖަކު ވެސް ކޮވިޑް19އަށް ޕޮޒިޓިވްވެފައިވާއިރު، އެކުއްޖާގެ އާއިލާ މެމްބަރުން ވެސް ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.