ޗައިނާގެ ދެމަފިރިއަކު 1988ގައި ހޮޓަލަކަށް ގޮސް އުޅެނިކޮށް ބަޔަކު ވަގަށް ނެގި، އެމީހުންގެ ފިރިހެން ދަރިފުޅު 32 އަހަރު ފަހުން ދިމާވެއްޖެ އެވެ.

ޗައިނާގައި 1988 ވަނަ އަހަރު ހޮޓަލަކަށް ގޮސް އުޅެނިކޮށް، ބަޔަކު ވަނީ އުމުރުން ދެ އަހަރުގެ މާއޮ ޔިން ނަމަކަށް ކިޔާ ކުއްޖެއް އަތުލައިގަނެގެން ގެންގޮސްފަ އެވެ.

ހޮޓަލަށް ގޮސް، ޔިންގެ ބައްޕަ އޭނާއަށް ފެން ބަލައި ގޮސްފައި އައި އިރު ބަޔަކު ވަނީ އެކުއްޖާ ގެންގޮސްފަ އެވެ. އެހާ ހިސާބުން ޔިންގެ މަންމަ ލީ ޗިންގްޖީ އާއި އޭނާގެ ބައްޕަ މާއޮ ޖެންޗިންގް ވަނީ ޔިން ހޯދުމަށް ތަފާތު މަސައްކަތްކޮށްފަ އެވެ.

"އަޅުގަނޑު ބޭނުން މިހާލަތުގައި އަޅުގަނޑުމެންގެ ދަރިފުޅު ހޯދައިިދިނުމަށް އެހީތެރިވި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މިއީ ވަރަށް ގިނަ ބައެއްގެ މަސައްކަތުގެ ނަތީޖާ،" ޔިންގެ މަންމަ ބުންޏެވެ.

ޔިން އަށް އޭނާގެ އާއިލާއާ އެންމެ ފަހުން ބައްދަލުކުރެވުނު އިރު އޭނާގެ އުމުރަކީ 34 އަހަރެވެ.

ޔިން ފެނުނީ ކިހިނެއް؟

ޗައިނާގެ ސްޓޭޓް މީޑިއާއިން މިދިޔަ މަހުގައި ބުނެފައިވަނީ، ސިޗުއާން ޕްރޮވިންސް މީހަކު ދިން މައުލޫމާތެއް ފުލުހަށް ލިބިފައިވާ ކަމަށެވެ. އެމީހާ ފުލަށް ބުނިގޮތުގައި ހުޅަނގު ދެކުނު ޗައިނާ ސަރަހައްދު މީހަކު ވަނީ މީގެ އަހަރުތަކެއް ކުރީން ކުޑަކުއްޖަކު އެޑޮޕްޓްކޮށްފައި ކަމަށެވެ.

އެ މައުލޫމާތަށް ބަރޯސާކޮށް ދިމާވީ ޔިން އާ ކަމަށާއި އޭނާގެ ޑީއެންއޭ ޓެސްޓު ހެދި ކަމަށެވެ. ޑީއެންއޭ ޓެސްޓުން އޭނާއަކީ ޔިން ކަން އެނގިގެން ދިޔައެވެ. ނަމަވެސް އޭރު ޔިންގެ ނަން ވަނީ ގޫ ނިންޖިން އަށް ބަދަލުކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި ޔިން ކުޑައިރު އޭނާ ނަގައިގެން ދިޔަ ބަޔަކު ވަނީ ދެމަފިރިއަކަށް ވިއްކާލާފަ އެވެ. ދަރިން ނުލިބޭ ދެމަފިރިއަކަށް ޔިން ވިއްކާލާފައި ވަނީ 840 ޑޮލަރަށް ކަމަށް ވެސް ފުލުހުން ބުނެއެވެ.

ޔިން ބަލާބޮޑުކޮށްފައި ވަނީ އެ ދެމަފިރިން ކަމަށާއި އެ ފަރާތްތަކުންގެ މައުލޫމާތު ހާމަނުކުރާނެ ކަމަށް ފުލުހުން ބުންޏެވެ.