އިމިގްރޭޝަން އޮފިސަރުން ދަނީ އެ މީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތްތައް މެދުވެރިވެފައިވާއިރު ވެސް ފަސްޖެހުމެއްނެތި، ސާބިތު ކަމާއި އެކުގައި ފްރަންޓްލައިންގައި ޚިދުމަތް ފޯރުކޮށްދެމުން ކަމަށާއި، އެންމެން އެކުގައި މަސައްކަތްކޮށްގެން ކޮވިޑްގެ ހާލަތުން އަރައިގަނެވޭނެ ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެއެވެ.

ކޮންޓްރޯލާ ޖެނެރަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަމާއިގުޅޭ ހުރިހާ އިދާރާތައް އެކުގައި އެކައްޗެއްގެ ގޮގުގައި މަސައްކަތްކޮށް ކޮވިޑްގެ ނުރައްކާތެރި ހާލަތުން މާތްﷲގެ އިރާދަފުޅާއެކު އަރައިގަނެވޭނެ ކަމަށެވެ.

ކޮވިޑް 19 ބިދޭސީންގެ ތެރޭގައި ފެތުރެމުން ދިއުމާ ގުޅިގެން ޚާއްސަކޮށް ބަންގަލަދޭޝްގެ މަސައްކަތްތެރީން ރާއްޖެއިން ފުރުވާލުމުގެ މަސައްކަތްތަކެއް ވަނީ ސަރުކާރުން ފައްޓާފައެވެ. މީގެ އެންމެ އިސް އެއްދައުރެއް އަދަކުރާ އެއް މުއައްސަސާ ކަމުގައިވާ، މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ އެ އިދާރާގެ މުވައްޒަފުން ކުރާ މަސައްކަތްތައް ފާހަގަކޮށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އިމިގްރޭޝަން އޮފިސަރުން ދަނީ، އެ މީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތްތައް މެދުވެރިވެފައިވާއިރު ވެސް ފަސްޖެހުމެއްނެތި، ސާބިތު ކަމާއި އެކުގައި ފްރަންޓްލައިންގައި ޚިދުމަތް ފޯރުކޮށްދެމުންނެވެ.

ކޮވިޑް 19 އާ ގުޅިގެން ރާއްޖެއިން 1500 ބިދޭސީން ފުރުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެފައިވެއެވެ. އެ ވިދާޅުވެފައިވާ ބިދޭސީންނަކީ، ބަންގްލަދޭޝް އިން ރާއްޖެއަށް ވަޒީފާ އަދާ ކުރުމަށް އައިސްފައިވާ ބިދޭސީންނެވެ. މި ގޮތުން މިހާތަނަށް 300 އަށްވުރެ ގިނަ ބަންގަލަދޭޝް މީހުން ފުރުވާލެވި އަދި ބަންގްލަދޭޝްގެ އިތުރު މީހުން ފުރުވާލުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރިއަށެވެ.

އެ ބިދޭސީންގެ ތެރޭގައި، ވަޒީފާ ދޭ ފަރާތަށް ފިލައިގެން އުޅޭ ބިދޭސީން ވެސް ގިނަކަން ފާހަގަ ކުރެވެއެވެ. އެ މީހުންގެ ޕާސްޕޯޓު ހުންނަނީ އިމިގްރޭޝަންގައެވެ. އެހެންކަމުން އެ މީހުންނާ ޕާސްޕޯޓު ހަވާލު ކުރަނީ އެއާޕޯޓުންނެވެ. ޕާސްޕޯޓު ނެތް މީހުންނަށް ދަތުރުކުރުމުގެ ވަގުތީ ލިޔުން ބަންގަލަދޭޝް ހައިކޮމިޝަނުން ހަދައިދެއެވެ. މިފަދަ ޑޮކިއުމަންޓުގައި ފުރަން ދާ މީހުން ފުރުވާލަނީ އިމިގްރޭޝަނުން ވަގުތުންވަގުތަށް ރެކޯޑްތައް ވެރިފައިކުރުމަށްފަހުއެވެ.

ރާއްޖެއިން ބަންގަލަދޭޝްއަށް ފުރުވާ މީހުންގެ ކަންތައްތައް ހަމަޖެއްސުމުގައި ފޮރިން މިނިސްޓްރީން ވެސް ދަނީ އިސް ދައުރެއް އަދާކުރަމުންނެވެ. މިގޮތުން ކޮވިޑްގެ ނުރައްކަލާ ގުޅިގެން ބަންގަލަދޭޝްގެ ބޯޑަރު ބަންދު ކުރެވިފައިވާ ދަނޑިވަޅެއްގައި މިހާ ގިނަ އަދެދެއްގެ ބަންގަލަދޭޝް މީހުން ފުރުވާލުމުގެ އިންތިޒާމު ހަމަޖެހި، ގިނަ އަދަދަކަށް ޓްރެވަލް ޑޮކިއުމަންޓް ހައްދައިދީ އެކަމާ ގުޅޭ އިންތިޒާމްތައް ހަމަޖައްސައިދޭކަމީ، ރާއްޖެއާއި ބަންގަލަދޭޝް އާ ދެމެދު އޮތް ޚާރިޖީ ގުޅުން ވެސް ކުރިއަށްވުރެ ރަނގަޅުވެފައިވާ ކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވިއެވެ. މި ދިޔަ އަހަރު ފެށުނުއިރު، އިމިގްރޭޝަނުން ހާމަ ކޮށްފައިވާ ގޮތުގައި، ބަންގަލަދޭޝް އެމްބަސީއިން ހަފުތާއަކު ހައްދައިދެނީ، 15 ވަރަކަށް ޓްރެވަލް ޑޮކިއުމަންޓެވެ. ނަމަވެސް މިހާރު ބަންގަލަދޭޝް މީހުން ފުރުވާލެވޭ ކޮންމެ ފްލައިޓެއްގައި ވެސް ޕާސްޕޯޓު ނެތިގެން ޓްރެވަލް ޑޮކިއުމަންޓުގައި ފުރާ މީހުން ގިނަކަން ފާހަގަ ކުރެވިފައިވެއެވެ.

ކޮވީޑް 19 އާއި ގުޅިގެން ލޮކްޑައުން ވުމުގެ ކުރީން ވެސް އިމިގްރޭޝަނުން ވަރަށް މުހިއްމު ފިޔަވަޅުތައް އަޅާފާވެއެވެ. އެއިދާރާއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށް ނުދެވޭ ޚިދުމަތްތައް ވަނީ އީމެއިލް މެދުވެރިކޮށް ދޭން ފަށާފައެވެ. މި ގޮތުން ޑިޕެންޑެންޓް ވިސާ، ސްޓޫޑެންޓް ވިސާފަދަ ވިސާތަކަށް އެދި އީ-މެއިލް މެދުވެރިކޮށް އެދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ކޮވިޑް 19 އަށް ބިދޭސީން އަހުލުވެރި ކުރުމުގެ ގޮތުން، އެޗްޕީއޭ ގެ އިރުޝާދުތައް އެކިއެކި ބަހުރުވައިން ލިޔެ ސިލްސިލާއެއްގެ ގޮތުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ބިދޭސީންނަށް ފޯރުކޮށްދެނުމުގެ މަސައްކަތްތަކެއް އިމިގްރޭޝަނުން ކުރަމުންދެއެވެ. މި މަސައްކަތްތަކުގުގެ ތެރޭގައި ބައެއް މަސައްކަތްތައް ކުރިއަށް ގެންދަނީ، އިމިގްރޭޝަންގެ އިސްނެގުމުގެ މަތީން އެޑިއުކޭޝަން މިނިސްޓްރީ، އެޗްޕީއޭ އަދި ރެޑް ކުރެސެންޓުގެ ބައިވެރިވުމާ ވެސް އެކުގައެވެ.

ބިދޭސީން ފުރުވާލުމުގެ ކަންކަމުގައި ހަރަކާތްތެރިވާ ފްރަންޓްލައިންގައި މަސައްކަތް ކުރާ އިދާރާތައް ކަމުގައިވާ ފުލުހުންނާއި ސިފައިން ފަދައިން އިމިގްރޭޝަން އޮފިސަރުން ވެސް އެމީހުންގެ ވަޒީފާގެ ވާޖިބުތައް އަދާ ކުރުމުގައި ކޮވިޑްގެ ނުރައްކަލާއި ކުރިމަތި ލާންޖެހިފައިވެއެވެ.