ސްވިޓްޒަލޭންޑްގެ އެއާލައިންއެއް ކަމަށްވާ އީޒީޖެޓްގެ ނުވަ މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މައުލޫމާތު، ބަޔަކު ހެކްކޮށްފައިވާ ކަމަށް އެ އެއާލައިން ބުނެފި އެވެ.

އީޒީޖެޓް އިން ދާދި ފަހުން ބުނެފައި ވަނީ "ވަރަށް މޮޅު ސައިބާ އެޓޭކް"އެއް ބޭނުންކޮށްގެން އެ އެއާލައިންގެ ކަސްޓަމަރުންގެ މައުލޫމާތު ހެކްކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ކަސްޓަމަރުންގެ އީމެއިލް އާއި ދަތުރުތަކުގެ މައުލޫމާތުތައް ބަޔަކު ހެކްކޮށްފައިވެެއެވެ.

އޭގެއިތުރުން 2،208 ކަސްޓަމަރެއްގެ ކްރެޑިޓް ކާޑުގެ މައުލޫމާތު ވެސް ހެކަރުން ބޭނުންކޮށްފައިވާ ކަމަށް އެ އެއާލައިން އިން ބުނެއެވެ.

އީޒީޖެޓް އިން ބުނެފައިވަނީ އެ އެއާލައިންއަށް ސައިބާ އެޓޭކެއް ދީފައިވާ ކަމުގެ މައުލޫމާތު ފުރަތަމަ ލިބިފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގައި ކަމަށެވެ. އެހެންނަމަވެސް ކަސްޓަމަރުންގެ ކްރެޑިޓް ކާޑު މައުލޫމާތު ބޭނުންކޮށްފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިދިޔަ މަހު ކަމަށް އެ އެއާލައިން އިން ބުނެ އެވެ.

"ވަރަށް ސޮފިސްޓިކޭޓެޑް ސައިބާ އެޓޭކް އެއް ދީފައިވާ ވަނީ އީޒީޖެޓް އަށް. އެހެންކަމުން އެ އެޓޭކްގެ ސަބަބުން ކުންފުނީގެ ކަސްޓަމަރުންނަށް ވެފައިވާ ގެއްލުމާއި ކިހާ ކަސްޓަމަރުންނަށް ކަމެއް ގެއްލުން ވެފައި ވަނީ މިހާރު ދަނީ ބަލަމުން،" އީޒީޖެޓް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން މިހާރު އިތުރު ތަހުގީގުތައް ކުރަމުން ދާ ކަމަށް އީޒީޖެޓް އިން ބުންޏެވެ. އަދި އެ އެޓޭކްގެ އަސަރުކޮށްފައިވާ ހުރިހާ ކަސްޓަމަރުންނަށް މިމަހުގެ 26ގެ ކުރީން އަންގާނެ ކަމަށް އެ އެއާލައިން އިން ވަނީ ބުނެފައެވެ.