ކޮވިޑް19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކާ ގުޅިގެން، ސިޔާސީ ބައެއް މީހުންނާ ސަރުކާރާ ދެމެދު ވިސްނުމުގެ ތަފާތެއް އުޅޭ ކަމަށާއި، އެހެން ނަމަވެސް ސިއްހީ ކަމެއްގައި ޑޮކްޓަރުން ފިޔަވައި އެހެން ބަޔަކު ދޭންޖެހޭ ލަފައެއް އޮންނާނެ ކަމަށް ނުފެންނަ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކާ އެކު ޓޫރިޒަމް މުޅިން ހުއްޓި، އިގްތިސޯދު ވަނީ އަޑިއަޅާލައިފައެވެ. އެހެންކަމުން މިގޮތަށް ފުރަބަންދު ކޮށްގެން ނުތިބެވޭނެ ކަމަށް ބުނެ ސިޔާސީ ބައެއް ފަރާތްތަކުން އަންނަނީ ފާޑުވިދާޅުވަމުންނެވެ.

މީގެ އިތުރުން މީހުން ކަރަންޓީނުކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ވެސް، ސިޔާސީ ބޭފުޅުން، ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

މިރޭ އެންއީއޯސީގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވީ، ސިޔާސީ ބޭފުޅުންނަކީ، ހާއްސަކޮށް މަޖިލިސް މެމްބަރުންނަކީ ރައްޔިތުންގެ މަންދޫބުން ކަމަށާއި، އެހެންކަމުން އެބޭފުޅުން ދައްކަވާ ވާހަކަތައް އަޑުއަހަން ޖެހޭނެ ކަމަށެވެ.

އަދި އެބޭފުޅުން ފާހަގަކުރައްވާ ކަންބޮޑުވުންތަކަކީ ރައްޔިތުންގެ މެދުގައި މިވަގުތު ހުރި ކަންބޮޑުވުންތައް ކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، މިކަމުގައި ކަންކުރަން އެންމެ ރަނގަޅު ގޮތުގެ ލަފާދެއްވަނީ ޑޮކްޓަރުން ކަމަށާއި، ޑޮކްޓަރުން ލަފާދެއްވަނީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް، ރާއްޖެ ގައުމެއްގެ ގޮތުގައި ފިޔަވަޅުތައް އަޅަންޖެހޭ ގޮތަށް ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ ވިސްނުމުގެ ތަފާތެއް ބައެއް ބޭފުޅުންގެ މެދުގައި އެބަ އުޅޭ،" މަބްރޫކް ވިދާޅުވިއެވެ.

ބޯޑަރުތައް ބަންދުކޮށްފައި ވުމުގެ ސަބަބުން އިގްތިސޯދު ހަލާކުވަމުން އަންނާތީ، އިގްތިސޯދު އާރާސްތުކޮށް ފައިސާ ހޯދާނެ އާ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ސިޔާސީ މީހުން ބުނަމުން އައި ނަމަވެސް، ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ނުވާނަމަ، އިގްތިސޯދެއްގެ ބޭނުން ނެތް ކަމަށް މަބްރޫކް ވިދާޅުވާ ވާހަކަ މި ރޭ ވެސް ތަކުރާރު ކުރެއްވިއެވެ.

"އެހެންވީމަ އަޅާ ކޮންމެ ފިޔަވަޅެއް އެޅުމުގައި އެންމެ އިސްކަމެއް ދޭނީ ރައްޔިތުންގެ އާންމު ސިއްހީ ހާލަތު ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށްޓަކައި. މިކަމުގައި ޑޮކްޓަރުން ނޫން ބަޔަކު ދޭންޖެހޭ ލަފައެއް އޮންނާނެ ކަމަކަށް ނުފެނޭ،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ޑޮކްޓަރުންްގެ ލަފަޔާ އިރުޝާދާ އެއްގޮތަށް، ކުރަންޖެހޭ ކަންކަން ކުރުމަށްފަހު، ބާކީ އޮތް ހުރިހާ ޖާގައެއް ބޭނުންކުރަނީ އިގްތިސޯދު ހަލާކުވެދިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ.

"ދިރިއުޅުމުގެ ހާލަތު ވެސް ފަސޭހަކޮށްދިނުމަށް ޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކުރަން ޖެހެނީ ޑޮކްޓަރުންގެ ލަފާ އަޑުއެހުމަށްފަހު އެބޭފުޅުން އެދިވަޑައިގަންނަވާ ފިޔަވަޅުތައް އެޅުމަށް ފަހު ދެން ބާކީ އޮތް ޖާގައެއްގެ ތެރޭގައި. ސަރުކާރު އޮޕަރޭޓް ކުރަމުން ދާނީ އެގޮތަށް،" މަބްރޫކް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ޑޮކްޓަރުންްގެ އިރުޝާދާ ލަފާތަކަކީ ޓެކްނިކަލް ބައެއްގެ ތެރޭގައި މަޝްވަރާ ކުރެވިގެން، އެންމެ ރަނގަޅުކަމަށް ފެނިގެން ނުކުތް ލަފާތައް ކަމަށެވެ.