19 May 2020, 23:51
ރާއްޖޭގައި ނޭނގި، ކޮވިޑް19 ޖެހުމަށްފަހު ރަނގަޅުވި މީހުންގެ އަދަދު ބެލުމަށްޓަކައި ޓެސްޓުކުރަން ފަށައިފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ސާމްޕަލް ނަގަމުންދަނީ ބިދޭސީން ތޮއްޖެހިފައި ތިބި ތަންތަނުން ކަމަށެވެ.
"ފާހަގަކުރެވިފަ ހުރި ކޮންޓެއިންމަންޓް ސައިޓުތަކުން ފުރަތަމަ އަޅުގަނޑުމެން ހެދީ ޕީސީއާރު ޓެސްޓުތަކެއް އެމީހުންގެ ތެރޭގައި މިވަގުތު ބަލި ހުރީ ކޮން ބައެއްގެ ތޯ ބެލުމަށް. މިހާރު ޓެގް ޓީމުގެ ފަރާތުން އިތުރަށް ދިރާސާކުރަން ބޭނުންވޭ އޭގެ ކުރިން ބަލި ޖެހިފައި ރަނގަޅުވި ބަޔަކު އެމީހުންގެ ތެރޭގައި ތިބިތޯ،" މަބްރޫކް ވިދާޅުވި އެވެ.
އެ މަސައްކަތުގެ ދަށުން އެފަދަ ދެ ސައިޓަކުން މިއަދު ސާމްޕަލް ނަގާފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
"އެހެންވީމަ ރާއްޖޭގައި ބަލި ޖެހިފައި ރަނގަޅުވި މީހުންގެ އަދަދެއް ބެލުމަށްޓަކައި ފުރަތަމަ ކޮންޓެއިންމަންޓް ސައިޓުތައް އެބަ ޓެސްޓުކުރެވޭ. ސީރޮލޮޖީ ޓެސްޓެއް އެމީހުންގެ ގައިގައި އެންޓިބޮޑީސް ހުރިތޯ ބެލުމަށް ޓެސްޓުކުރަން ފަށައިގެން މިއަދު ދެ ކޮންޓެއިންމަންޓް ސައިޓަކުން ވަނީ ސާމްޕަލްތައް ނަގާފައި،" މަބްރޫކް ވިދާޅުވި އެވެ.
ތޮއްޖެހިފައި ތިބި ބިދޭސީންނަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެމްއާރުސީއާއި އެންއީއޯސީ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.
"މިހާރު ވެސް އިތުރު ސައިޓުތަކެއް ޗެކު ކުރުމުގެ މަސައްކަތްތަކެއް އެބަ ކުރެވޭ. އެތަންތަނުން މެޑިކަލް ޓްރީޓްމަންޓް ބޭނުންވާ މީހުން އެކި ތަންތަނަށް ގެންގޮސް، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި،"
ރާއްޖެއިން ނޭނގި، ކޮވިޑް19 ޖެހުމަށްފަހު ރަނގަޅުވި މީހުން ތިބިތޯ ބެލުމަށް ޓެސްޓުކުރަން ފަށާފައިވާއިރު، ރާއްޖެއިން ޖުމްލަ 1143 މީހަކަށް މި ބަލި ވަނީ ޖެހިފަ އެވެ. އޭގެ ތެރެއިން މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 1051 އެވެ. އަދި ބަލި ޖެހިގެން ޖުމުލަ 86 މީހަކު ރަނގަޅުވިއިރު، ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.