26 Dec 2011, 13:59
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ، ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި އޮޕަރޭޓްކުރާ އެއާލައިންތަކުގެ ޓިކެޓް އަގު ބޮޑު ވަމުންދާތީ އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރަން ގެންނަ ޖެޓް އޭވަން ފިއުލްއަށް ނަގާ ޑިއުޓީ އެއްކޮށް ކަނޑާލަން ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ އެތެރޭގެ އުދުހުންތަކުގެ ޓިކެޓް އަގު ބޮޑުވަމުންދާ މައްސަލަ އިކޮނޮމިކް މިނިސްޓްރީން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމުން މި މަހުގެ 13 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގައި ވަޒީރުން މަޝްވަރާކުރެއްވުމަށް ފަހު ޑޮމެސްޓިކް އެއާލައިންސްތަކަށް ޑިސްކައުންޓް އަގެއްގައި ތެޔޮ ފޯރުކޮށްދިނުމަށް އިންޑިޔާގެ ޖީއެމްއާރާ މަޝްވަރާ ކުރަން ވެސް ނިންމާފައިވާ ކަމަށެވެ.
ސަރުކާރުގެ ގެޒެޓުގައި ބުނެފައި ވަނީ ޑޮމެސްޓިކް އެއާލައިންތަކުގައި ބޭނުން ކުރާ ޖެޓް އޭ ވަން ފިއުލް އަށް ނަގާ ޑީއުޓީ 100 ޕަސެންޓް މައާފު ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ އިރު ކަސްޓަމްސް އިން މިހާތަނަށް ކްލިއާ ކޮށްފައިވާ ފިއުލް ބޭރުގެ އުދުހުންތަކުގައި ބޭނުން ކުރުން މަނާކުރުމަށް ޝަރުތުކޮށްފައިވާ ކަމަށާއި ޑިއުޓީ މައާފު ކުރުމަށް ކަސްޓަމްސް އިން އަމަލު ކުރުމަށް ޑޮމެސްޓިކް އެއާލައިންސްތަކަށް ބޭނުންވާ ފިއުލްގެ އަންދާޒާ ސަރުކާރާ ހިއްސާ ކުރަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ފިއުލްގެ ޑިއުޓީ މާފްކުރުމަށް ފަހު ޑޮމެސްޓިކް އެއާލައިންސްތަކުން ޓިކެޓުގެ އަގަށް ގެންނަ ބަދަލުތައް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ދިރާސާ ކުރަން ނިންމާފައިވާ ކަމަށް ވެސް ގެޒެޓްގައި ބުނެފައިވެ އެވެ.