20 May 2020, 09:48
މިދިޔަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު ރިލީޒްކުރި ކާމިޔާބު ފިލްމު "މަލަންގް"ގެ ސީކުއަލެއް އަންނާނެ ކަމަށް ފިލްމުގެ ޓީމުން ބުނެފި އެވެ.
ފިލްމުގެ ދެވަނަ ބައެއް އަންނާނެކަން ފިލްމުގެ ޕްރޮޑިއުސަރެއްކަމަށްވާ އަންކުރް ގާޖް ވަނީ ކަށަވަރުވެސް ކޮށްދީފަ އެވެ. އޭނާ ބުނީ ފިލްމަށް ލިބުނު ބޮޑު ތަރުހީބަށް ބަލައި ފިލްމުގެ ދެވަނަ ބައެއްވެސް ގެނެސްދިނުމަށް ނިންމީ ކަމަށާއި މިހާރު ޑައިރެކްޓަރު މޯހިތު ސުރީ އާއި ޕްރޮޑިއުސަރު ލަވް ރަންޖަން އެކުވެގެން އެ ފިލްމުގެ މަސައްކަތް ވެސް ފަށާފައިވާކަމަށެވެ.
ގޯއާގެ ހިތްގައިމު މާހައުލުތަކުގައި ޝޫޓްކޮށްފައިވާ އެ ފިލްމުގެ ލީޑު ތަރިންގެ ގޮތުގައި ފެނިގެންދިޔައީ އަދިތްޔާ ރޯއީ ކަޕޫރު އާއި ދިޝާ ޕާޓްނީއެވެ. އެ ފިލްމުގެ ރޯލުތަކުން އަނިލް ކަޕޫރާއި ކުނާލް ކޭމޫ ވެސް ވަނީ ފެނިގެން ގޮއްސަ އެވެ. މިއަހަރު ނުކުތް ފިލްމުތަކުގެ ތެރެއިން ތިންވަނައަށް މި ފިލްމު ވަނީ އެންމެ ބޮޑު އޯޕަނިން ހޯދި ފިލްމަށް ވެފަ އެވެ. އެ ފިލްމު ރިލީޒްކުރިތާ ފުރަތަމަ ދުވަހު ވެސް އެ ފިލްމަށް ވަނީ ހަ ކުރޯޑުގެ އާމްދަނީއެއް ލިބިފަ އެވެ.
ވަރުގަދަ ޓްވިސްޓްތަކަކާ އެކު ފެނިގެންދިޔަ އެ ފިލްމަކީ ދިޝާ އާއި އަދިތްޔާގެ ޖޯޑު އެކުގައި ސްކްރީނުން ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ. އެ ދެ ޖޯޑަށް އާންމުންވެސް އަންނަނީ ވަރަށް ބޮޑަށް ތައުރީފްކުރަމުންނެވެ.