20 May 2020, 14:02
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މި އަހަރުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކްލައިމެޓް އެމަޖެންސީގެ ގަރާރުގެ ދަށުން ކުރި މަސައްކަތެއް ފެންނަން ނެތްކަމަށް ބުނެ، ރާއްޖޭގެ ތިމާވެއްޓަށް ލިބޭ ގެއްލުންތަކާ ދެކޮޅަށް ވަކާލާތުކުރާ "ސޭވް މޯލްޑިވްސް" ކެމްޕޭނުން ރައްޔިތުންގެ މަޖިލީހަށް ފާޑު ކިޔައިފިއެވެ.
"ސޭވް މޯލްޑިވްސް"ގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ކޮވިޑް19 ޕެންޑެމިކްގެ ސަބަބުން ރާއްޖޭގެ ސިއްހީ ނިޒާމާއި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމާއި އިގްތިސާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށާއި، މިއީ ރައްޔިތުންގެ މާލީ ފުދުންތެރިކަމާއި ދިރިއުޅުމުގެ އަސާސީ ކަންކަމަށް ނުތަނަސްވަން ފޯރާފައިވާ އަދި އަވަހަށް އަރައިގަނެވޭނެ ހާލަތެއް ނޫންކަން ފެންނަމުންދާ ކަމަށެވެ.
ސޭވް މޯލްޑިވްސްގެ ސިޓީގައި ބުނެފައިވަނީ ރާއްޖޭގެ ނާޒުކު ތިމާވެށީގެ ހާލަތާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުންތައް އެނގި، އަދި ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރާނެ ގެއްލުންތައް އަންދާޒާ ކުރެވޭ އިރު، ބޮޑެތި ދަރަނީގެ ލޯނުތަކުގެ އެހީގައި ތިމާވެއްޓަށް ގެއްލުންދޭ މަޝްރޫއުތައް ބާރު ދުވެލީގައި މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި މި ކަންކަމާ މެދު މަޖިލީހުން ފިޔަވަޅު ނޭޅުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމުގައި އެ ކެމްޕޭނުން ބުންޏެވެ.
މިސާލެއްގެ ގޮތުގައި ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ނަގަމުން، ސޭވް މޯލްޑިވްސްއިން ބުނީ 300 މިލިއަން ޑޮލަރުގެ ލޯނުގެ އެހީގައި ހިންގާ އެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ތަރިކަ ކަމުގައިވާ މުހިންމު ޑައިވް ސަރަހައްދުތަކަށް ގެއްލުންވެ، އެންވާރަމަންޓް އިމްޕެކްޓް އެސެސްމަންޓުން އެކަމުގެ ގެއްލުންތައް ޓޫރިޒަމާ ގުޅިފައިވާ ކުދި ވިޔަފާރިތަކަށްވެސް ވާނެކަން ފާހަގަކޮށްފައި ވާ ކަމަށެވެ.
"އަދި މި މަޝްރޫޢު ގެ ސަބަބުން ގުޅީފަޅުގެ ވެށި މުޅިން ފަނާވެގެން ދާނީ ތިމާވެށީގެ އަގުނުކުރެވޭނޭ ބޮޑެތި ގެއްލުން ތަކެއްދީފައެވެ،" އެ ސިޓީގައި ވެއެވެ.
މިހާރު ތަޖުރިބާކުރެވެމުންދާ ހުޅަނގު މޫސުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުމުގެ ތޫފާނީ ނޭދެވޭ ބޮޑެތި އަސަރުތަކެއް ކޮށް، ރައްޔިތުންގެ ގެދޮރާއި، ދަނޑުވެރިންގެ ދަނޑުތަކާއި، މިވަގުތު އާމްދަނީ ހޯދުމަށް އޮތް ހަނި ވަސީލަތްތަކަށް ގެއްލުންވުމުގެ ސަބަބުން ހާލުގައި ޖެހިފައި އޮތް "ދައުލަތުގެ ދަރަނިވެރި އިގްތިސާދަށް" އަނެއްކާވެސް ހަރަދުތަކެއް ކުރަން ޖެހިފައިވާކަމަށް މިސިޓީގައި ސޭވް މޯލްޑިވްސްއިން ފާހަގަކުރިއެވެ.
ސޭވް މޯލްޑިވްސްއިން ބުނީ ފަރުފަޅުތަކަކީ ރާއްޖޭގެ ގުދުރަތީ ބިންގާ ކަމަށާއި ދިފާއީ ނިޒާމުކަމަށް ވާ އިރު، އެ ނިޒާމުގައި ވާ ހުރހާ ދިރުންތަކަކީ ރާއްޖޭގެ އިގްތިސާދުގެ އަސާސު ކަމަށެވެ. ދެހާސް ސޯޅަވަނަ އަހަރުގެ ތިމާވެށި ރިޕޯޓަށް ރިއާއަތްކުރަމުން ސޭވް މޯލްޑިވްސްއިން ބުނީ ރާއްޖޭގެ އެކްސްޕޯޓުގެ 98 ޕަސަންޓު ބަރޯސާވަނީ ގުދުރަތީ ވެއްޓާއި ވެށީގައިވާ ދިރުންތަކާއި ވަސީލަތްތަކަށް ކަމަށާއި، އަދި 71 ޕަސަންޓު މީހުންގެ ވަޒީފާ ބަރޯސާވަނީވެސް އެ ވެއްޓާއި ދިރުންތަކުގެ ވަސީލަތްތައް ކަމަށެވެ.
"އެ ގުދުރަތީ ވަސީލަތްތައް އިޔާދަނުކުރެވޭ މިންވަރަށް ފަނާކުރުމަކީ ދައުލަތުގެ ތަރަްގީގެ ޕްލޭނަށް ވެގެން ދިއުމަކީ ބުއްދި ގަބޫލުކުރެވޭ ފަދަ، އަދި ރައްޔިތުންގެ މަސްލަހަތާއި ރައްކާތެރިކަން އެކަމުގައި އޮންނާނެ ކަމެއްވެސް ނޫނެވެ،" އެ ސިޓީގައި ބުނެފައިވެއެވެ.
ސޭވް މޯލްޑިވްސްގެ ސިޓީގައި ބުނެފައިވަނީ ރާއްޖޭގެ ރައްޔިތުންގެ ދިރުމާ ގުޅިފައިވާ ތިމާވެށީގެ ގުދުރަތީ ނިޒާމު ފަނާކުރުމުން ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މުސްތަގުބަލުގައި ރާއްޖެއަށް ވާނީ އިތުރު ގެއްލުންކަން މަޖިލީހަށާއި މަޖިލީހުގެ ރައީސަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
"އެހެންކަމުން ރާއްޖޭގެ ތިމާވެށްޓާއި އިޤްތިޟާދުގެ ހާލަތު އިތުރަށް ހީނަރު ވިޔަނުދިނުމަށް، އަދުގެ ބަދަލުވެފައިވާ ހާލަތަށް އިޖާބަދީ، ގުޅީފަޅު ފަދަ ތިމާވެށްޓަށް ގެއްލުންބޮޑު އެންމެހާ މަޝްރޫޢުތައް ހުއްޓުވާ ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ތިޔަ މަޖިލިހުގެ ޒިންމާއެއް ކަމަށް ދެކެމެވެ. އަދި ތިޔަ މަޖިލިހުން އިސްނަގައިގެން މި ނާޒުކު ފައްތަރުގައި މިހާރުގެ ޖީލުތަކާއި އަންނާން އޮތް ޖީލުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އެ ޒިންމާ އުފުލުމަށް ގޮވާލަމެވެ،" ސޭވް މޯލްޑިވްސްއިން ގޮވާލާފައި ވެއެވެ.