20 May 2020, 09:42
ގައުމުގެ ބޭރުން ދަތުރު ކުރުމާ ގުޅިގެން ފުރިހަމަ ކުރަން ޖެހުނު 14 ދުވަހުގެ ކަރަންޓީން ނިންމުމަށް ފަހު ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއޯނާ ރޮނާލްޑޯ އެ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.
ކޮރޯނާ ވައިރަހުގެ ސަބަބުން އިޓާލިއަން ލީގު މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލުމާ އެކު ރޮނާލްޑޯ ވަނީ އޭނާގެ އަމިއްލަ ގައުމަށް ކަރަންޓީން ވުމަށް ގޮސްފަ އެވެ. އަދި ޕޯޗުގަލްގައި ދޮޅު މަހެއްހާ ދުވަހު މަޑު ކުރުމަށްފަހު ރޯނާލްޑޯ އެނބުރި އިޓަލީއަށް އައީ މީގެ ދެ ހަފުތާ ކުރިންނެވެ. އެހެން ކަމުން އިޓަލީގެ ސަރުކާރުގެ ގަވާއިދުގައިވާ ގޮތަށް 14 ދުވަހަށް ރޮނާލްޑޯ ވަނީ ގޭގައި ކަރަންޓީން ވުމަށް އަންގާފަ އެވެ.
އުމުރުން 35 އަހަރުގެ ރޮނާލްޑޯ މިއަދުގެ ވަގުތެއްގައި ޔުވެންޓަސްްގެ ޓްރެއިނިންގް ގްރައުންޑަށް ގޮސްފައިވާ އިރު ފުރަތަމަ ކަމަކަށް އޭނަގެ މެޑިކަލް ޓެސްޓް ވަނީ ހަދައިފަ އެވެ. އަދި މާދަމާއިން ފެށިގެން ޔުވެންޓަސްގެ ގްރޫޕް ފަރިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރިވާނެ ކަމަށް އިޓަލީގެ މީޑިއާތަކުން ބުނެ އެވެ.
ޔުވެންޓަސްގެ ކޯޗު މޯރީޒިއޯ ސަރީ ކުޅުންތެރިންނާ އެކު ފަރިތަކުރުންތައް ފެށީ މި މަހުގެ ފަސްވަނަ ދުވަހު އެވެ. އެކަމަކު އޭނަގެ ޓްރެއިނިންގްތައް ކުރިއަށް ގެންދަނީ ގްރޫޕްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ގްރޫޕެއްގައި އެންމެ ގިނަ ވެގެން ވެސް ހިމެނެނީ ހަ ކުޅުންތެރިން ނުވަތަ ހަތް ކުޅުންތެރިންނެވެ.
މީގެ ކުރިން ޔުވެންޓަސްގެ ތިން ކުޅުންތެރިއަކު ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފަ އެވެ. އެކަމަކު ކޮވިޑް ޖެހުނު ޔުވެންޓަސްގެ ޑިފެންޑަރު، ޑެނިއަލް ރުގާނީ އާއި މިޑްފީލްޑަރު ބްލޭސް މަޓްއީޑީގެ އިތުރުން ޕައުލޯ ޑިބާލާ ވަނީ އެ ބަލިން ފަސޭހަވުމާ އެކު ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.
އިޓަލީގައި މިހާތަނަށް 226،000 މީހުންނަށް އެބަލި ޖެހިފައިވާ އިރު ޝިކާރައަކަށްވި 3،200 މީހުން ވަނީ މަރުވެފަ އެވެ. އެކަމަކު އެބަލި މަޑު މަޑުން އެގައުމުގައި ކޮންޓްރޯލް ކުރެވިފައިވާ އިރު މިއަދު މަރުވި 99 މީހުންނަކީ މާޗް މަހުގެ ފަހުން އެގައުމުގައި އެ ބަލި ޖެހިގެން މަރުވި އެންމެ މަދު ދުވަހެވެ.